ބާޠިލަށްވުރެ ގިނަ ވޯޓް ހޯއްދެވޭތޯ ބައްލަވާ – ފައްޔާޒު

އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްކުރުމުގެ ބަދަލުގައި، ރިޔާސީ އިންތިހާބުގައި ބާތިލް ވޯޓަށްވުރެ ގިނަ ވޯޓް ހޯދޭތޯ ބެއްލެވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް, އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ގޮވާލައްވައިފިއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއްކޮށް، ރާއްޖެ ބަދަލުކޮށްލައިފިކަމަށެވެ. އެގޮތުން ވެވަޑައިގެންނެވި ވައުދުތައް ސަރުކާރުން ފުއްދަވާފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެއަށް އައިސްފައިވާ ތަރައްޤީ ބައެއް މީހުން ޤަބޫލުނުކޮށްގެން، އުޅެނީ ތަރައްޤީ ނުފެންނާތީ ނޫންކަމަށެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުން ގެންނަމުންދާ ތަރައްޤީ ނުފެންނަނީ ހިތުގައި އޮތް ނަފްރަތު ބޮޑުކަމުންކަމަށެވެ

“ވައުދު ފުއްދަވައިފި، ރާއްޖެ ބަދަލުކޮށްފި.. ޝުކުރު ކުރަން ނޭގިގެން، ނަފްރަތު ބޮޑުކަމުން ތަރައްޤީ ނުފެންނަނީ،”

ފައްޔާޒު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރުޅާލަން އެ ޕާޓީން ގޮވާލަމުންދާކަމަށާއި، ނަމަވެސް އެކަމެއް ނުވާނެކަމަށެވެ. އޭގެ ބަދަލުގައި އެ ޕާޓީއަށް ތާއީދެއް ލިބޭތޯ ބެލުން މާ ރަނގަޅުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

“އެމްޑީޕީ ރޫޅައެއްވެސް ނުލެވޭނެ.. ބާތިލް ވޯޓަށް އިތުރަށް ވޯޓެއް ލިބޭތޯ ބަލަންވީ،”

ޑިމޮކްރެޓްސްއަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ފުވައްމުލަކުން އެމްޑީޕީ ދާނީ “ޗޮކުން” ކަމަށް ބައެއް މީހުން ބުންޏަސް، އެ ސިޓީން އެމްޑީޕީއަށް އޮތް ތާއީދު ހާމަވާކަމަށެވެ. އަދި އެމްޑީޕީއަށް ތާއީދު ނެތްކަމަށް އިދިކޮޅުން ބުނާ ރަށަކުން ބޮޑު ތާއީދެއް ލިބުމުން، ރާއްޖޭގެ އެހެން ހިސާބުތަކުގައި އެމްޑީޕީއަށް އޮތް ތާއީދު ތަސައްވުރު ކުރެވޭކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ވަނީ އެއްބުރުން އިހްތިހާބު ކާމިޔާބުކުރާނެކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ތަކުރާރުކުރައްވާފައެވެ.

Next: ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އައްޑޫ އަސްލަމް