ފުވައްމުލައް އެއާޕޯޓު ބޮޑުކޮށްދޭނަން: ރައީސް

ފުވައްމުލައް ސިޓީ އެއާޕޯޓު އޭޓީއާރު ޖެއްސޭ ވަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ރޭ ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ފުވައްމުލަކަށް ކަންކަން ކޮށްދެވޭތޯ ބެލި ކަމަށާއި އެގޮތުން ރައްޔިތުންނަށް ބަނދަރެއް ހަދައިދިނުމަކީ އުފާ ކުރުން ހައްގު ކަމެއް ކަމަށެވެ.

“2003 ވަނަ އަހަރު ދެ ކިލޯ މީޓަރު މަގު ވަނީ ހެދިފަ. އެކަމަކު، މިހާ ހިސާބަށް އައިއިރު، ބަނދަރު ކުޑަވެ، އެއާޕޯޓު ވެސް ކުޑަވެއްޖެ. އެހެންވީމާ އެއާޕޯޓު ބޮޑު ކުރެވެން އޮތް ވަރެއް ބަލާފަ އޭޓީއާރު ޖެއްސޭ ވަރަށް އެއާޕޯޓު ބޮޑުކޮށްދޭނަން.”

ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖެ މި ދެކޭ ތަރައްގީގައި ފުވައްމުލަކު ސިޓީ ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށާއި އެގޮތުން ތައުލީމީ ދާއިރާ އިންނާއި ވިޔަފާރި އާއި ޓޫރިޒަމް ދާއިރާގެ އިސް ސަފުގައި ފުވައްމުލަކު ރައްޔިތުން އަމަލީ ގޮތުން ބައިވެރިވެފައި ތިބި އިރު، މިހާރު ވެސް އެގޮތުގައި ތިބިކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ފުވައްމުލަކުގައި އަޅާފައިވާ ނަރުދަމާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނަރުދަމާ އޭރު އަޅާފައި އޮތް ގޮތުން އެ ހިދުމަތް ބޭނުން ނުކުރެވޭ މައްސަލައިގެ ޝަކުވާ ލިބިވަޑައިގެންނެވިކަމަށެވެ. އަދި އެޝަކުވާ އަޑު އައްސަވައި ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފެއްޓެވި ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި އަދިވެސް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި ދިމާވި ބައެއް ސަބަބުތަކާ ހުރެ، ބައެއް ވައުދުތައް ފުއްދިފައި ނުވާ ކަމަށެވެ.

އެގޮތުން ވައުދުވި ސިންތެޓިކް ޓްރެކާއި ސްޓޭޑިއަމާއި އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރެވޭ ތަން ފެނިގެންދާނެ ކަމަށާއި ފުވައްމުލަކުގައި އޮފީސް ކޮމްޕްލެކްސްއެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އައިޓީ ސެންޓަރާއި ޓިވެކް ސެންޓަރެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާއިމުކޮށް ދެއްވުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

Next: އިލިޔާސް އަކީ ސީރިއަސް ކެންޑިޑޭޓެއްނޫން; އެއީ ޤުރުބާންކުރާ ކަންބަޅިއެއް: ޝަރީފް