ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް 148 ބޭފުޅަކަށް

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް މިއަހަރު 148 ބޭފުޅަކަށް ދެއްވައިފި އެވެ.

މި އިނާމް އެ ބޭފުޅުންނާއި ހަވާލުކޮށްދެއްވާފައިވަނީ ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރި މީހުންނަށް ރައީސް އިނާމު ދެއްވަން ފެއްޓެވީ 2021 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ޖުމުލަ 457 ބޭފުޅަކަށް މި އިނާމު ވަނީ ދެއްވާފަ އެވެ.

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ – 2023-7-29 – ފޮޓޯ ރައީސް އޮފީސް   

މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވި ހެންވޭރު މާހާ އަލްފާޟިލާ އާމިނަތު ވަޙީދާއާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ، ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި، އަނގޮޅިތީމު ފެހިވިލާގޭ އަލްފާޟިލް އަޙްމަދު ރަޝީދާއި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓްކަން ކުރެއްވި ގަލޮޅު ފަސާނާ ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކެވެ.

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ – 2023-7-29 – ފޮޓޯ ރައީސް އޮފީސް   

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 148 ބޭފުޅުންގެ ތެރެއިން 34 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މިފަހަރު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ޙާޞިލްކުރެއްވީ 65 ބޭފުޅެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބުކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިކަމާއި، ނަރުސްކަމާއި، މުދިންކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓިވްކަމާއި، އަދި މިނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން އިނާމު ޙާޞިލް ކުރެއްވިއެވެ. މީގެއިތުރުން، އެމް.އެން.ޑީ.އެފް. އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނީފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަތެވެ.

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ – 2023-7-29 – ފޮޓޯ ރައީސް އޮފީސް   

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރާ ބޭފުޅުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި އެމީހުންގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

“އެބޭފުޅުންގެ ހިދުމަތްތަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ބުރަދަނެއް އެކުލެވިގެންވާ ހިދުމަތެއް،” ރައީސް ވިދާޅުވި އެވެ.

މިއަހަރު މި އިނާމް ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކޮށްފައިވަނީ އަންހެން ބޭފުޅެކެވެ. ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މިކަން ފާހަގަ ކުރައްވާފަ އެވެ.

ދިވެހި ދައުލަތައް ޚިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ – 2023-7-29 – ފޮޓޯ ރައީސް އޮފީސް   

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރާ ބޭފުޅުންނަކީ މިހާރުގެ ޒުވާނުން ނަމޫނާއަކަށް ބަލަން ޖެހޭ ބައެއް ކަމަށެވެ.

Next: އެމްޑީޕީގެ ކެމްޕެއިންއަށް ހުރަސް އަޅާނަމަ އެއްވެސް ރަށެއްގައި އިދިކޮޅުން ކެމްޕެއިން އެއް ނުކުރެއްވޭނެ: ފައްޔާޒް