ދުނިޔޭގެ ވޮލީބޯޅަ އަންހެން ޗެމްޕިއަންކަން ތުރުކީ އިން ހޯދައިފި

ދުނިޔޭގެ އަންހެނުންގެ ވޮލީބޯޅަ ޗެމްޕިއަންޝިޕް ތުރުކީގެ ގައުމީ ޓީމުން ކާމިޔާބްކޮށްފި އެވެ.

ތުރުކީން ދުނިޔޭގެ ވޯލީބޯޅައިގެ ޗެމްޕިއަންކަން ހޯދައި ރަން މެޑަލް ކާމިޔާބު މިކުރީ މުޅިން އަލަށެވެ. އެހެންކަމުން ތުރުކީއަށް ދުނިޔޭގެ ވޮލީބޯޅައިގައި ހޯދިފައި މިވަނީ ތާރީހީ ކާމިޔާބެކެވެ.

އަންހެނުންގެ ވޮލީބޯޅައިގައި ތުރުކީ އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓެކްސަސްގެ އާލިންޓަންގައި ކުޅެވުނު ފައިނަލްމެޗްގައި  ޗައިނާ ބަލިކުރުމަށްފަހު އެވެ. ތުރުކީ އިން ފައިނަލްގައި ޗައިނާ އަތުން މޮޅުވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ.  ތުރުކީ އިން ސެޓްތައް ގެންދިޔައީ 25-22، 22-25، 25-19، 25-16 އިންނެވެ.

ތުރުކީއާއި ޗައިނާ ބައްދަލުކުރި ފައިނަލްމެޗް


މި މުބާރާތުގައި މޮޅު ކުޅުމެއް ކުޅުނު ތުރުކީ ޓީމުން ފައިނަލަށް ގޮސްފައިވަނީ އެމެރިކާ އަތުން 3 ސެޓް 1 ސެޓުން ސެމީ ފައިނަލްގައި މޮޅުވެގެންނެވެ.

މި މުބާރާތުގައި ތިންވަނަ ހޮވުމަށް އެމެރިކާ އަދި ޕޮލެންޑް ބައްދަލުކުރި މެޗުން ޕޮލެންޑް 3 ސެޓް 2 ސެޓުން މޮޅުވެ ބްރޯންޒް މެޑަލް ހޯދީ ޕޮލެންޑެވެ.   
ތުރުކީއަށް މިހާތަނަށް ވޮލީބޯޅައިގައި ލިބިފައިވާ ބޮޑު ކާމިޔާބަކީ 2003 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ހޯދި ސިލްވަ އާއި ޔޫރަޕް ވޮލީބޯޅަ މުބާރާތުގައި 2019 ގައި ހޯދި ސިލްވަ މެޑަލް އެވެ. މީގެ އިތުރުން 2018 ގައި ވިމެންސް ނޭޝަންސް ލީގު އަދި 2021 ގައި ވޯލީބޯލް ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބްރޯންޒް ކާމިޔާބްކޮށްފައިވެ އެވެ.

Next: ޕާސްޕޯޓް ހިފަހައްޓާ ހައްޔަރެއް ނުކުރޭ، ޚަބަރު ފެތުރީ ޑިމޮކްރެޓުން އަޑީގައި ތިބެގެން: ސިޔާމް