ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ.
އުމުރުން ތިން އަހަރާ ހަތް އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ މި ޗެނަލަކީ ކުޑަކުދިންނަށް ރައްކާތެރި އަދި މުނިފޫހި ފިލުވައިދޭ ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭނެ ޗެނަލެކެވެ.
ޕްރީ ސްކޫލް ކުދިންގެ ކިޔެވުމާ ގުޅޭ ގިނަ ކޮންޓެންޓް ތަކެއް ހިމެނޭ މި ޗެނަލަކީ ޖުމްލަ ފަސް ތީމަކަށް ބަހާލައިގެން ދައްކަމުން އަންނަ ޗެނަލެކެވެ. އެގޮތުން އެ ޗެނަލުން ކުދިންގެ ކިޔެވުމާ ގުޅޭ ތަފާތު 1500 ޕްރޮގްރާމެއް ދައްކަ އެވެ.
ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށާފައިވާއިރު ދިރާގު ޓީވީން މީގެކުރީންވަނީ ޑިޒްނީގެ ޗެނަލްތައް ދައްކަން ފަށާފައެވެ. އެޗެނަލްތަކަކީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއާގެ އިތުރުން ޑިޒްނީ އެކްސްޑީ އެވެ.
ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ޑިޒްނީ ޖޫނިއާ އިން އުމުރުން ދެ އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިންނާ އެކަށީގެންވާ އެތައް ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށެވެ. އެ ޗެނަލްގެ އެންމެ މަޝްހޫރު ޝޯތަކުގެ ތެރޭގައި ހިމެނެނީ މިކީ މައުސް ކްލައުބް ހައުސް، ޑޮކް މެކްސްޓަފިންސް، އަދި ސޯފިއާ ދަ ފަސްޓް ކަމަށް ދިރާގުން ހާމަކުރެއެވެ.
އުމުރުން ހަތަރު އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނާ ގުޅޭގޮތަށް ގެނެސްދޭ އެތައް ޝޯ އެއް ޑިޒްނީ ޗެނަލުން ގެނެސްދޭނެ ކަމަށާއި އެ ޗެނަލް ތަކުގެ ތެރޭގައި ޑަކް ޓޭލްސް، އެލީނާ އޮފް އެލެވޭޓާ، އާޓް އެޓޭކް، ޕީޖޭ މާސްކްސް އަދި ޑޯރޭމޮން ހިމެނޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ،
ޑިޒްނީ އެކްސްޑީ އިން ކުޑަކުދިންނަށް އެކަށީގެންވާ އަދި ކުދިން ޝައުގުވެރިވާ ގިނަ ޝޯ ތަކެއް ގެނެސްދޭއިރު އެ ޗެނަލް ހާއްސަ ކޮށްފައިވަނީ އުމުރުން ހަ އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެ ޗެނަލުން މާވެލްސް ސްޕައިޑަމޭން އާއި އެވެންޖާސް ފަދަ މަޝްހޫރު ޝޯތައް ގެނެސްދޭނެއެވެ.
މީގެއިތުރުން ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީއިން ޒުވާނުންނަށް ހާއްސަ ކޮންޓެންޓެއް ގެނެސްދޭނެ ކަމަށް ވެސް ދިރާގުން ހާމަކުރެއެވެ.
ބައިނަލްއަގްވާމީ ޗެނަލްތަކުގެ އިތުރަށް ރާއްޖޭގެ ހުރިހާ ޗެނަލްތައްވެސް “ދިރާގުޓީވީ” އިން ދާނެކަމަށްވެސް ދިރާގުން ބުނެ އެވެ.
ރާއްޖެއަށް އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންދާ ހަމައެކަނި ފަރާތަކީ ދިރާގެވެ.