މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފި

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފިއެވެ.

މިއަދު މީދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިމިސްކިތުގެ އަމަލީ މަސައްކަތްފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެއަށް ވަރަށްގިނަ ޢުމްރާނީ ތަރައްޤީ ގެންނަވާފައިވާކަމަށެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިން، ދީނީ ޝިޢާރުގެގޮތުގައި މިފެންނަ މިސްކިތްތަކުންވެސް އެ ތަރައްޤީގެ އަސަރުތައް ފެންނަކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުގެ މިސްކިތްތަކުގެ ޑިޒައިންތަކަށް ބައްލަވަމުން މިނިސްޓަރ ވިދާޅުވީ، ކުރިއާ އަޅާބަލާއިރު މިހާރުގެ މިސްކިތްތަކުގެ ޑިޒައިން ތަފާތުވާނެކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު، އައު ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތައްކަމަށް ވިދާޅުވިއެވެ.

މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިމިފައިވާއިރު 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެގްރީމަންޓް ހަދާ ކޮންމެ މިސްކިތަކީ  1 އަހަރުދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތްތައްކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ 19 މިސްކިތުގެ މަސައްކަތް ނިންމުމަށްވެސް ދީފައިވަނީ ހަމަ އެ މުއްދަތުކަމަށާއި މުއްދަތުގެތެރޭގައި މިސްކިތްތަކުގެ މަސައްކަތް ނިންމިނަމަ އެ މިސްކިތްތައްވެސް މިއަދު މިހާހިސާބަށް ހުންނާނީ ނިމި، ރައްޔިތުންނަށް ބޭނުންކުރެވޭވަރުވެފައިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން މި ކުރައްވާ މަސައްކަތްކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް  އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތަކަކީ ރަށެއްގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އެކަމުގައި އެކުލެވިގެންވާ ބިނާއަކަށްވާއިރު މިސްކިތްތައް ބިނާކުރުމަށް ދެވޭ މުއްދަތަކީވެސް ވަކިގޮތަކަށް ބަލައިގެންދެވޭ މުއްދަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެރަށެއްގައި ބިނާކުރުމަށް ކަނޑައެޅޭ މިސްކިތުގެ ޖާގަކުޑަވުމުގެ މައްސަލަ ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ކަނޑައަޅާފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ މުހިންމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދު މަސައްކަތް ފެށުނު މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ . ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، މި މަޝްރޫޢުއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫއެކެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގައެވެ.

Next: ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް