ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަ މެޗްގައި ފަސްސެޓް ކުޅެގެން ގއ. ޕޮލިސް ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އައްޑޫސިޓީ ޕޮލިސް އިން ކަށަވަރުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ސެޓު ގދ. ޕޮލިސް ޓީމުން ގެންގޮސްފައި ވަނިކޮށް އައްޑޫ ސިޓީ ޕޮލިސް ޓީމުން ދެން ކުޅުނު ދެ ސެޓު ގެންގޮސް، ލީޑުނެގި އެވެ. އެކަމަކު، ގއ. ޕޮލިސްޓީމުން ވަނީ އޭގެ ފަހުން ކުޅެވުނު 4 ވަނަ ސެޓް ކާމިޔާބުކޮށް 2 ސެޓް 2 ސެޓުން ދެޓީމް އެއްވަރުކޮށްފައެވެ. އެހެންނަމަވެސް 5 ވަނަ ސެޓް ކާމިޔާބުކޮށް އައްޑޫސިޓީ ޕޮލިސްވަނީ ފައިނަލުގެ ދެވަނަ ޖާގަހޯދާފައެވެ.
މެޗުގެ ފުރަތަމަ ސެޓް ގއ، ޕޮލިސް ކާމިޔާބުކުރީ 26-24 އިންނެވެ. އެހެން ނަމަވެސް ދެވަނަ ސެޓް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކުރީ 25-23 އިންނެވެ. އަދި 3 ވަނަ ސެޓް އައްޑޫސިޓީ ޕޮލިސްކާމިޔާބުކުރީ 25-20 އިންނެވެ. ހަތަރުވަނަ ސެޓް ގއ. ޕޮލިސް ކާމިޔާބުކުރީ 25-16 އިންނެވެ.
ފަސްވަނަ ސެޓް އައްޑޫސިޓީ ޕޮލިސް ކާމިޔާބުކުރީ 15-8 އިންނެވެ.
މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މިމެޗްގައި ދެޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދިހަމަހަމަ ކުޅުމެވެ.
މިމެޗްގެ ފުރަތަމަސެޓްގައި އައްޑޫސިޓީ ޕޮލިސްޓީމުގެ އެޓޭކްތަކުގައި ގިނައިން ބައިވެރިކޮށްފައިވަނީ އެޓީމުގެ އާމިނަތު އެކަނިއެވެ. އެހެންނަމަވެސް ގއ. އިން ދިޔައީ މެދުތެރެއިން އެޓީމުގެ ޑިފެންސް ވަރުގަދަކޮށް އެޓީމްގެ އެޓޭކްތަކުގައި ގިނަކުޅުންތެރީން ބައިވެރިކޮށް ލީޑު ދަމަހައްޓަމުންނެވެ. ދެ ފަހަރެއްގެ މަތިން ޓައިމް އައުޓް ނަގައިގެން އައްޑޫ ޕޮލިސް ޓީމުގެ ހާލަތު ރަނގަޅު ކުރެވޭތޯ އެޓީމުގެ ކޯޗް ބެލި ނަމަވެސް ގއ. ޕޮލިސް އިން ވަނީ 26-24 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ.
ގއ. ޕޮލިސް ޓީމު – މިޓީމު ފައިނަލަށް ނުހޮވުނަސް ޓީމުގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވޭ
ދެވަނަ ސެޓު ފަށައިގެން، އައްޑޫސިޓީ ޕޮލިސްޓީމުން ލީޑުނެގި ނަމަވެސް މި ސެޓުގެ މެދަކާ ހަމައިން އައްޑޫސިޓީ ޓީމްގެ ރިސީވް ދަށްވެ، ގއ. އިން ލީޑުނެގި އެވެ. އެކަމަކު، ސެޓުގެ ފަހުކޮޅުގައި އައްޑޫސީޓީ ޓީމުން ކުޅުން ރަނގަޅުކޮށް، އެޓޭކްތައް ވިސްނުންތެރިކަމާ އެކު ކުރަމުންދިއުމުގެ ނަތީޖާ އަކަށްވީ އަލުން ލީޑު އަނބުރާ ލިބުމެވެ. ރަނގަޅު ވަގުތުގައި އާމިނަތުއާއި ލިސީ ސްކޯކުރި، ޕޮއިންޓްތަކާ އެކު އައްޑޫސިޓީ ޓީމުން ދެވަނަ ސެޓު، 23-25 އިންހޯދިއެވެ.
ގއ. ޓީމަށް ތިން ވަނަ ސެޓުގައި ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާ އަކަށްވީ އައްޑޫސީޓީން މި ސެޓު، 25-20 އިން ހޯދާ މެޗްގެ ލީޑު ނެގުމެވެ.
4 ވަނަ ސެޓު ފަށައިގެން، އައްޑޫސިޓީ ޓީމްގެ ރިސީވްތަކާއި އެޓޭކްތައް ދަށްވެ ސެޓް ފެށުނީއްސުރެ ލީޑުކުރަމުންދިޔައީ ގއ. ޓީމުނެނެވެ. އަދި މިސެޓް 16-25 އިން ގދ . ހޯދުމާއި ގުޅިގެން ނަތީޖާ ނެރޭ ސެޓެއް ކުޅެން ޖެހުނެވެ..
ނަތީޖާ ނެރެން ކުޅުނު ސެޓާ ހަމައަށް ދިޔައިރު ދެޓީމުގެ ކުޅުންތެރީންގެ ފަރާތުންވެސް ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. ޚާއްސަކޮށް ގއ. ޓީމުގެ ކުޅުންތެރީންގެ ފަރާތުން ވަރުބަލިކަންއިތުރަށްފެނިގެން ގޮސްފައިވެއެވެ.
ފަސްވަނަ ސެޓްގައިވެސް ގއ. ޓީމުގެ ކުޅުންތެރީން ހިތްވަރާ އެކު ސެޓް ހޯދުމަށް މަސައްކަތް ކުރަމުން ގޮސްފައިވީނަމަވެސް ކުޅިބަލަން ހާޒިރުވެފައިތިބި ގިނައަދަދެއްގެ އައްޑޫގެ ސަޕޯޓަރުންގެ ސަޕޯޓްގެ އެހީގައި މިސެޓް 15-8 އިން ހޯދައިގެން އައްޑޫ ޕޮލިސް ވަނީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ.
މިމެޗެގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ އައްޑޫސީޓީ ޓީމްގެ ނަބާހާއެވެ. ނަބާހާއަށް އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހުމާނާ ހުޅުދޫ ހުވަގު ޖަމްއިއްޔާގެ ރައިސާ ސައިދާއެވެ.
އައްޑޫސިޓީ ޕޮލިސްއާއި ގއ.ޕޮލިސް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ: ނަބާހާ- ނަބާއާއި އިނާމު ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހުމާނާ ހުވަގު ޖަމްއިއްޔާގެ ރައިސާ ސައިދާ މުޠީއު
އައްޑޫސިޓީ ޓީމާއި ފައިނަލްގައި ބައްދަލުކުރާނީ ފުވައްމުލަށް ސިޓީ ޕޮލިސްޓީމެވެ. ފުވައްމުލަށް ޕޮލިސް ޓީމު ފައިނަލަށް ހޮވުނީ ސެމީފައިނަލްގެ ފުރަތަމަމެޗްގައި އައްޑޫސިޓީ ޕޮލިސް ސީދާ ތިންސެޓުން ބަލިކުރުމަށްފަހުގައެވެ. މިދެޓީމް މިމުބާރާތުގައި ދެފަހަރަށް ބައްދަލުކޮށްވާއިރު ދެފަހަރުވެސް ފަސޭހަކަމާއެކު އެދެމެޗްވެސް ކާމިޔާބުކޮށްފައިވަނީ ފުވައްމުލަށް ޕޮލިސްޓީމެވެ.