ސަދަން ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށް ގެންދާ ކްލަބް ވޮލީ މުބާރާތުން ފޭދޫ ވޮލީޓީމާ މީދޫ ވޮލީޓީމް ވަކިވެއްޖެވެ.
ކްލަބް ވޮލީ މުބާރާތުން ފޭދޫ ވޮލީޓީމާއި މީދޫ ވޮލީޓީމް ވަކިވެފައިވަނީ ފޭދުން މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމް ވޯރިއަސްގައި ހިމެނޭ އަހުމަދު ޝިމާއު ( މާންކޭ ) ގެ މައްސަލައަކާ ގުޅިގެންނެވެ.
އެމައްސަލައަކީ ޓީމް ވޯރިއަސްގައި ހިމެނިގެން ކުޅެމުން އައިސްފައިވާ މާންކޭ ( އަހުމަދު ޝިމާއު ) އަކީ އައްޑޫސިޓީގެ އެއްވެސް ރަށަކަށް މިވަގުތު ރަޖިސްޓްރީ ކުރެވިފައިވާ މީހަކަށް ނުވާއިރު މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އޭނާއަށް ނުކުޅެވޭނެކަމަށް ފޭދޫ ވޮލީޓުމުން މުބާރާތް އިންތިޒާމް ކުރާ ސަދަން ސްޕޯޓްސްއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭނާއަށް ކުޅެވޭގޮތައް މުބާރާތުގެ ގަވާއިދަށް އިސްލާހު ގެނެސް އޭނާއަށް ކުޅެވޭގޮތައް ހަމަޖެއްސުމެވެ.
ޝިމާއު އިއްޔެ ޓީމް ވޮރިއަސްއާއި މީދޫ ވޮލީޓީމް ބައްދަލުކުރިމެޗް ބެއްލެވުމަށް ސްޓޭޖްގައި
މީދޫ ވޮލީޓީމުން މިމުބާރާތުގައި ކުރިއަށް ހުރި މެޗްތައް ނުކުޅެން ނިންމިއިރު އެޓީމް މިމުބާރާތުގައި ކުޅުނު 4 މެޗުން މޮޅުވެ ޕޮއިންޓްގެ ގޮތުން އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ވަނީ ހޮވިފައެވެ.
ފޭދޫ ވޮލީޓީމް މުބާރާތުން ވަކިވާން ނިންމިއިރު އެޓީމް މުބާތާތުގައި ރޭ ކުޅެން ހަމަޖެހިފައިވާ މެޗުކުޅެ އެމެޗުން މޮޅުވެގެން 3 ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުމުގެ ފުރުސަތު އެޓީމަށް އޮތެވެ.
މިމުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މިމުބާރާތުގެ ޓީމެއްގައި އައްޑޫސިޓީއަށް ނިސްބަތް ނުވާ 3 ކުޅުންތެރިން ހިމެނިދާނެއެވެ.
މިގޮތުން ފޭދޫ ވޮލީޓީމް ޓީމް ވޯރިއަސްގައި ހިމެނުނު ކުޅުންތެރީންގެ ތެރޭގައި ފާޒިލް ، ފައިރޫޒް އަދި މުހައްމަދު ޝަންވީލް ހިމެނެއެވެ. މީގެ އިތުރަށް އައްޑޫސިޓީ ހިތަދޫ ފެންފިޔާޒުގޭ އަހުމަދު ޝިމާއުގެ ނަމުގައި ހަދާފައިވާ އައިޑީކާޑެއްގެ ކޮޕީ ހުށަހަޅައިގެން މިވަގުތު ގދ، ފަރެސްމާތޮޑާ ” ޖިއްދާ ” ގެނަމުގައި ރަޖިސްޓްރީކުރެވިފައިވާ އަހުމަދު ޝިމާއުވަނީ އައްޑޫސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ޓީމް ވޮރިއަސްގައި ރަޖިސްޓްރީ ކުރެވިފއެވެ.
ޕޮލިސް މެދުވެރިކޮށް ޑީއެންއާރަށް ހުށަހަަޅައިގެން ބެލިބެލުުން އަހުމަދު ޝިމާއުއަކީ ފަރެސްމާތޮޑާ ” ޖިއްދާ ” އަށް ރަޖިސްޓްރީއޮތް މީހެއްކަން އެގުމާއި ގުޅިގެން މުބާރާތުގެ އޮގަނައިޒިން ކޮމިޓީއަށް މިމައްސަލަ ހުށަހެޅުމުން ޓީމްތަކުގެ އޮފިޝަލުންނާ އޮގަނައިޒިން ކޮމިޓީގެ މެމްބަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުން ނިންމީ ޝިމާއުއަށް ކުރިއަށް ހުރި މެޗްތަކުގައި ނުކުޅެވޭގޮތަށެވެ. މިގޮތައް ނިންމުމުން އެޓީމުގައި ހިމެނޭ ރަށުން ބޭރުގެ ދެކުޅުންތެރިންކަމުގައިވާ ފާޒިލްއާއި ފައިރޫޒް ވަނީ ޝިމާއުއަށް ނުކުޅެވޭކަމަށްވާނަމަ އެމީހުންވެސް ނުކުޅޭނެކަމަށް ބުނެފައެވެ. އަދި އެ ދެމީހުން ބުނި ބުނުމާ އެއްގޮތައް މީދޫ ވޮލީޓީމާއި ޓީމް ވޯރިއަސް އިއްޔެ ބަދަލުކުރި މެޗްގައި ފައިރޫޒްއާއި ފާޒިލް ކުޅެފައެއް ނުވެއެވެ. ފާޒިލްއާއި ފައިރޫޒް ނުހިމާ ޓީމް ވޯރިއަސް އިއްޔެ މީދޫވޮލީޓީމާ ބައްދަލުކުރިމެޗުން ސީދާ ތިންސެޓުން ވަނީ ބަލިވެފއެވެ.
ފޭދޫ ވޮލީޓީމް
ޝިމާއު އަށް ކުރިއަށް ހުރި މެޗްތަކުގައި ނުުކުޅެވޭނެކަމަށް ޓީމުތަކުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުން ނިންމުމަށްފަހު އޮގަނައިޒިން ކޮމިޓީން އިއްޔެ ހަވީރުގެ ވަގުތެއްގައި ޓީމްތަކުގެ މެނޭޖަރުންނަށް ފޮނުވި އިއުލާނަކުން އަންގާފައިވަނީ މުބާާރާތުގެ ގަވާއިދުގެ 6 ވަނަ ޕޮއިންޓް އިސްލާހުކޮށްފައިވާކަމަށެވެ.
” ޝިމާއުއަށް ކުޅެވޭގޮތައް މުބާރާތުގެ ގަވާއިދުގެ 6 ވަނަ ޕޮއިންޓަށް ވަނީ ބަދަލުގެނެސްފައި. . އެމާއްދާގައި ބުނެފައިވަނީ ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕަ އަކީ އައްޑޫސިޓީގެ ރަށްވެއްސަކަށް ވާނަމަ އެކުޅުންތެރިއަކަށް މިމުބާރާތުގައި ކުޅެވޭނެ ކަމަށް “
ވީއޯއެމްއަށް މައުލޫމާތު ދެމުން މީދޫ ވޮލީޓީމްގެ އޮފިޝަލަކު ބުނެފައިވެއެވެ.
މިގޮތައް ގަވާއިދަށް ގެނައި ބަދަލާއެކު އަހުމަދު ޝިމާއުގެ ބައްޕައަކީ އައްޑޫސިޓީ ހިތަދުއަށް ނިސްބަތްވާ މީހަކު ކަމުގައިވާތީ އަހުމަދު ޝިމާއުއަށް މިމުބާރާތުގައި ކުޅެވޭކަމަށް އޮގަނައިޒިންކޮމިޓީއަށް ފެންނާތީ އަހުމަދު ޝިމާއުއަށް މުބާރާތުގެ މެޗްތަކުގައި ކުޅެވޭނެކަމަށްވަނީ ނިންމާފައެވެ.
މުބާރާތް ފެށުނުއިރު މުބާރާތުގެ ގަވާއިދުގައި ނުހިމެނޭ މާއްދާއެއް އިތުރުކޮށް އަހުމަދު ޝިމާއުއަށް މިމުބާރާތުގައި ކުޅެވޭގޮތައް އޮގަނައިޒިން ކޮމިޓީންނިންމުމާ ގުޅިގެން ފޭދޫ ވޮލީޓީމާއި މީދޫ ވޮލީޓީމުންވަނީ މުބާރާތުގައި ނުކުޅެން ނިންމާފައެވެ.
މިގޮތުން ރޭ ފޭދޫ ވޮލީޓީމާއި ގުޑްބަޑީސް ބައްދަލުކުރަންއޮތްމެޗަށް ފޭދޫވޮލީޓީމު ހާޒިރުވެފައިނުވެއެވެ. އަދި މިއަދު ސެމީފައިނަލްގައި ފޭދޫ ޓީމް ވޮރިއަސްއާއި މީދޫޓީމް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަށް މީދޫ ޓީމް ހާޒިރުވެފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޝިމާއު ހިމެނޭ ޓީމް ވޯރިއަސްއަކީ މިމުބާރާތް އިންތިޒާމްކުރާ ފަރާތުން މުބާރާތުގައި ބައިވެރިކޮށްފައިވާ ޓީމެކެވެ.