ސަލާމަތީ ބާރުތަކުގެ މުސާރަތައް ބޮޑުކުރައްވަނީ

ސިފައިންނާއި ފުލުހުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ސަރުކާރުގެ އެކި މުވައްސަތަކާއި، އިދާރާތަކުގެ މުވައްޒިފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ސަލާމަތީ ބާރުތަކުގެ މުސާރަތައް ބޮޑު ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށެވެ.

“ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން.” ރައީސް ޞާލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ސިފައިންގެ މުހިންމު ދެ ދާއިރާއެއްގެ ތަރައްޤީއަށް އިތުރު ސަމާލުކަމެއް ދިނުމަށް މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެއް ދާއިރާއަކީ، ސިފައިންގެ ކޯސްޓް ގާޑްގެ ޚިދުމަތްތަކެވެ. އަނެއް ދާއިރާއަކީ ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ޚިދުމަތެވެ.

މި ދެ ދާއިރާއަކީވެސް، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން އާންމު ރައްޔިތުންނާއި ސީދާ ގުޅުން ހުރި ދެ ދާއިރާއާށްވާއިރު، މަސްވެރި އުޅަނދުތަކުގެ ސައިޒު ބޮޑުވެ، މަސްވެރިން ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވަމުން އަންނައިރު، ކޯސްޓް ގާޑްގެ ޚިދުމަތްތައްވެސް އެވަރަށް ފުޅާކުރަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއާއެކު މާލެ ސަރަހައްދަށް އަންނަ ބަދަލުތަކާއެކު އިމާރާތްތައް އުސްވެ، ޒަމާނީ ވަމުންދާވަރަކަށް އެތަންތަނުގެ ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަންވެސް ކަށަވަރު ކޮށްދެއްވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ޚިދުމަތް އިތުރަށް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ، ކުރަން ނިންމަވާފައިވާ މުހިންމު މަސައްކަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Next: ދިވެހި މާޙައުލުގައި ބޮޑުވާ ކުދިންނަށް ދިވެހިން ވާހަކަ ދައްކަން ނޭނގުމަކީ ވިސްނަންޖެހޭ ޤައުމީ މައްސަލައެއް: ރައީސް