ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު މެމްބަރަކު ކަން އެނގިއްޖެއެވެ.
އެ ލިޔުމުގައި އެމްޑީޕީގެ 52 މެމްބަރަކާއި، އެމްޑީއޭގެ ލީޑަރު އަދި ދ.މީދޫ ދާއިރާގެ މެމްބަރު ސިޔާމާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދުއާއެކު ޖުމްލަ 54 މެމްބަރުން ސޮއިކުރައްވާފައިވާއިރު، އެމްޑީޕީއިން ސޮއި ނުކުރައްވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މީގެ ތެރެއިން ދޮންބިލެތް ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެ މަނިކުފާނާ އެއްކޮޅަށް ވާހަކަ ވެސް ދައްކަވާފައެވެ. އަދި އޭނާގެ އަންހެނުން އޭގެފަހުން ވަނީ ރައީސް ނަޝީދު އެސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރޭޓްސްއަށް ސޮއިކޮށްފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅޭނީ 29 މެމްބަރުންގެ ސޮޔާ އެކު އެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާއިރު އެ ވޯޓު ފާސްކުރަން ބޭނުންވަނީ 44 ވޯޓެވެ. މަޖިލިހުގައި ޕާޓީތައް ބެހިފައިވާ ގޮތުން ނަމަ އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީގަ އެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރެކެވެ.