އައްޑޫ ސިޓީގެ ބިން ބޮޑުކޮށް، އިޤްތިިޞާދީ ހަރަކާތްތައް އިތުރުކުރުމަށް ހިންގާ ބިން ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފަށައިފިއެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ބިން ހިއްކުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މަރަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވީ މުރާލީދަރަންއެވެ.
އިންޑިއާއިން ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، އައްޑޫގައި 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫޢާއެކު އައްޑޫ ސިޓީއަށް ކުރިއަށްއޮތް 50 އަހަރުވެސް ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިނުވާނޭކަން ސަރުކާރުން ޔަގީންކުރެއެވެ.
އައްޑޫ ބިން ހިއްކުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފަށަން ޖެހޭނީ އައްޑޫ ސިޓީންކަމަށެވެ. އަދި ބިން ހިއްކުމުގެ މިމަޝްރޫއަކީ އައްޑޫ ސިޓީގެ ތަރައްގީގެ ހެޔޮ ބަދަލު އަމަލީ ގޮތުން ފެށުންކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
“ދުނިޔެއަށް ހުޅުވާލެވޭ ވަރުގަދަ ސިޓީޢަކަށް އައްޑޫ ސިޓީ ބަދަލުކުރުމަކީ މާޒީގެ ތެެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް. އަޑު މަޑުކުރުމަށްފަހު މިއަދު ސަރުކާރުން މިކުރަނީ އެކަމަށް ބޭނުންވާ ކަންކަން. އައްޑޫ ސިޓީއަށް ބަދަލު އަންނަނީ އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެން. މިއަދު ތިޔަ ދެކެވަޑައިގަންނަވަނީ އޭގެ އަމަލީ މަންޒަރު. އައްޑޫގެ ތާރީހުގައި ހިނގާ ބިމާގުޅޭ އެންމެ ބޮޑު މަޝްރޫޢު މިހާރު އެވަނީ މެކުހަށް ޖަހާފައި”
ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އައްޑޫ ސިޓީ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ވެންއޫޑް ކުންފުންޏާއެވެ. އައްޑޫގެ ބިން ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިތަދޫގެ ދެ ސަރަޙައްދަކުން 80 ހެކްޓަރު މަރަދޫއާއި މަރަދޫފޭދޫއިން 76 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫގައި 32.3 ހެކްޓަރުގެ ބިން އެމްޓީސީސީއާއި ޙަވާލުކޮށްގެންވެސް ހިއްކުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެސިޓީގެ ރަށްރަށުގެ ފަޅުތައް ހިއްކައިގެން 8.3 ހެކްޓަރުގެ 3 ރަށް ހިއްކުމަށްވެސް ވަނީ ނިންމާފައެވެ.
ތިރީސް ހާހާއި ގާތްކުރާ އާބާދީއެއް އައްޑޫ ސިޓީގައި އަންނަނީ ދިރިއުޅެމުންނެވެ. އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ބިން އެސިޓީގައި ނެތްކަމާއި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިނގުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީވެސް އެސިޓީގައި ބިން ނެތުންކަމަށް އެސިޓީގެ ރައްޔިތުން ބުނެއެވެ. އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އިޤްތިސާދީ ޙަރަކާތްތައް ކުރިއެރުވުމަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ ބިންކަމަށް އައްޑޫ ސިޓީގެ ރައްޔިތުން ބުނެއެވެ. އެހެންކަމުން އައްޑޫ ބިން ހިއްމުމަށް ހިންގާ ތަރައްޤީގެ ބިޔަ މަޝްރޫޢަކީ އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ އެތައް މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ބިޔަ މަޝްރޫޢެކެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް