ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމުގެ މަތިމަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.
މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ޙަވާލުކުރައްވާފައިވަނީ ގްރީން ލައިން މޯލްޑިވްސްއާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދެވެ. އަދި ގްރީންލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ ޢަބްދުﷲ ޞާލިޙެވެ.
މި މަޝްރޫއަކީ ކުޅިވަރާބެހޭ ވުޒާރާގެ ބަޖެޓުން އެއް މިލިޔަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް ގްރީންލައިން މޯލްޑިވްސްއާ ޙަވާލުކުރީ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް