ނަޝީދުގެ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެެއްދުމުގެ ހުއްދަ ހޯދުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި “ފިކުރެއްގެ ދިރުން” ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

އާ ޕާޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތިދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީތެރެއިން ގެއްލިފައިވާ ކަމަށެވެ.

އަލަށް އުފައްދަވާ ސިޔާސީޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ، އެލްޖީއޭގެ ކުރީގެ ރައީސް އަފްޝަން ލަތީފެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެޕާޓީގެ ކެނޑިޑޭޓެއް ވާދަކުރައްވާނެ ކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ.

ސިޔާސީ ޕާޓީ އަށް ހުއްދަ ލިބުމާއެކު އެ ޕާޓީއަށް 3000 މެމްބަރުންގެ ސޮއި ހަމަކުރެއްވުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގެ އިސްކޮށް ހަރާކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

Next: ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު