ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަތޮޅުމަދަރުސާޓީމް ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ ސެމީފައިނަލަށް ގްރޫޕް ބީން އެއްވަނަ ޓީމެއްގެ ގޮތުގައި އަތޮޅުމަދަރުސާ ޓީމް ހޮވިފައިވަނީ މިއަދު ހަވީރު މަރަދޫ އިރުޝާދިއްޔާއާއި އަތޮޅުމަދަރުސާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަށް އިރުޝާދިއްޔާ ހާޒިރު ނުވުމުގެ ސަބަބުން ލިބުނު 3 ޕޮއިންޓާއެކު 9 ޕޮއިންޓް ލިބިގެންނެވެ.
ބޮޑުތަފާތަކުން މިމުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރުޝާދިއްޔާ މިއަދު ހަވީރު އަތޮޅުމަދަރުސާއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗަށް ހާޒިރު ވެވެންނެތްކަން އެޓީމުންވަނީ މާކުރިން އަންގާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިރުޝާދިއްޔާ މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗުގައި މަރަދޫ ސްކޫލާ ވާދަކޮށް 26-0 އިން ބަލިވެފައިވާއިރު އެޓީމްގެ ދެވަނަމެޗްގައި ހިތަދޫސްކޫލާ ބައްދަލުކޮށް ބަލިވެފައިވަނީ 21 ލަނޑު 0 ލަނޑުންނެވެ.
އިރުޝާދިއްޔާ މެޗް ކުޅެން ހާޒިރު ނުވުމުން އަތޮޅުމަދަރުސާގެ ޓީމަށް އިއްޔެވަނީ 3 ޕޮއިންޓާ 2 ގޯލް ލިބިފައެވެ. އަތޮޅުމަދަރުސާޓީމް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ހިތަދޫ ސްކޫލާ ބައްދަލުކޮށް މޮޅުވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ. އަދި އެޓީމްގެ ދެވަނަ މެޗްގައި މަރަދޫ ސްކޫލާ ބައްދަލުކޮށް މޮޅުވެފައިވަނީ 7 ލަނޑު 3 ލަނޑުންނެވެ.
އަތޮޅުމަދަރުސާ ހިމެނޭ ގްރޫޕް ބީން އެޓީމް އެއްވަނަ އަށް ހޮވިގެން ސެމީފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ ހިތަދޫ ސްކޫލެވެ.
ބީ ގްރޫޕުން 2 ވަނަ ޓީމަކަށް ހިތަދޫ ސްކޫލް ހޮވިފައިވާތީ އެޓީމް ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނު ޝަރަފުއްދީން ސްކޫލާއެވެ.
އަތޮޅުމަދަރުސާ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފަނަލަށް ހޮވިފައިވުމުން އެޓީމް ސެމީފައިނަލްގައި ބައްދަލުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމަކަށް ހޮވުނު ފޭދޫ ސްކޫލާއެވެ.
ސެމީފައިނަލްގައި އަތޮޅުމަދަރުސާއާއި ފޭދޫ ސްކޫލް ބައްދަލުކުރާމެޗްގެ ކުޅުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ހިތަދޫސްކޫލާއި ޝަރަފުއްދީން ބައްދަލުކުރާ ސެމީފައިނަލް މެޗްގެ ކުޅުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.