ފުއްގިރި މައްސަލާގައި އަދީބުއާއި ޒިޔަތުގެ ހެކި ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފި

ފުއްގިރި މައްސަލާގައި ކުރިމިނަލް ކޯޓަށް އަދީބުއާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފިއެވެ.

ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމިން ރިޝްވަތު ނަގާ މަނީ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތުކޮށް، ދަށު ކޯޓުގައި ކުރިޔަށްދާ މައްސަލާގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން ޔާމިންގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައިކޯޓުން ކުރި ހުކުމް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ މައްސަލާއިގެ އިސްތިއުނާފްގެ ޝަރީއަތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ރޭ ކުރެއްވި ހުކުމަށް ބެންޗުގައި ހިމެނޭ އަނެއް ދެފަނޑިޔާރުން ކަމަށްވާ ޑރ. މުހައްމަދު އިބުރާހިމްއާއި، ފަނޑިޔާރު އައިޝަތު ޝުޖޫން ވަނީ ތާއީދު ކުރައްވާފައެވެ.

މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލިހުގައި ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ހުކުމުގައި ވިދާޅުވެފަައިވަނީ މިމައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާންޖެހޭ އެއްވެސް ސަބަބެއް ނެތްކަަމުގައެވެ. އަދި ހުކުމުގައި ވިދާޅުވެފައިވަނީ، މި ހުކުމަށް ވާސިލްވުމަށް ސުޕްރީމްކޯޓުން ފާހަގަ ކޮށްފައިވާ ކަންކަމާއި ތައާރަޒްވާ މިންވަރަށް ހައި ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ކަންކަން ބާތިލްވާނެ ކަމަށެވެ.

ދޮޅު ގަޑިއިރަށް ރޭ ދިގު ދެމިގެންދިޔަ، ރައީސް ޔާމިންވެސް ހާޒިރުވެ އިންނެވި މި ޝަރީއަތުގެ މަޖިލިހުގައި ފަނޑިޔާރު ހުސްނުއްސުއޫދުވަނީ، ދަށުކޯޓުގައި ހިގަމުންދާ ފުއްގިރި މައްސަލާގައި އަދީބުއާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޔާމިންގެ ވަކީލުން ފާހަގަކޮށްފައިވާ އެންމެހާ ނުކުތާތަކަށް ވަރަށް ތަފްސީލު ގޮތެއްގައި ޖަވާބު ދެއްވާފައެވެ.

މިމައްސަލާގަ އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރެވޭ ދައުވާގެ މައްސަލައަކީ ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަރުހަލާގައި އޮތް މައްސަލައަކަށް ވާތީއާއި، އަދި ޝަރީއަތުގެ އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވާތީވެ، އެހެކިން ޝަރީއަތަށް ހުށަހެޅުމުން، ހެއްކާއިބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާއި، ހެއްކާބެހޭ ގާނޫނުގެ 48ވަނަ މާއްދާއާއި، 51 ވަނަ މައްދާއަށް ރިއާޔަތްކޮށް، އެހެކިތަކުގެ އިތުބާރާއި، އަދުލުވެރިކަމާއި މަސްލަހަތު ފުށުއެރުމާއި، އަދާވާތްތެރިކަމެއް އޮތްނަމަ، އެކަމެއް ބަޔާންކޮށް، އެހެކިންގެ ހެކިބަސް ކައުނު ކުރުމުގެ ފުރުސަތު ޝަރީއަތުގެ މަރުހަލާގައި އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމަށް ގެއްލިފައި ނުވޭ.

ރޭގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައި ވެއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރެއެވެ.

ރ.ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާވާފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ރ. ފުއްގިރީގެ މައްސަލާގައި ސުޕްރިމްކޯޓުން ރޭ ކުރެއްވި ހުކުމާއެކު މިމައްސަ ދަށު ކޯޓުގައި ކުރިޔަށް ދިއުމަށް މިހާރު އެއްވެސް ހުރަހެއް ހުރިމަތިވެފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުގައި މިމައްސަލާގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ތާވަލާއެއްގޮތަށް ދެން މިމައްސަ ކުރިޔަށް ދާނެއެވެ. އެހެންނަމަގެސް ޔާމިންގެ ފަރާތުން ގެންދަވަނީ، ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދަނީ ހައްގުތައް ގެއްލޭގޮތަށް މާ ބާރަށްކަމަށް ވިދާޅުވަމުންނެވެ.

Next: ހުޅުދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު