އައްޑުއާއި ފުވައްމުލަކަށް ރީނދޫ ސަމާލު ނެރެފި

ާއްޖޭގެ އެންމެ ދެކުނު ފުވައްމުލަކާއި އައްޑުއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

ފުވައްމުލަކާއި އައްޑުއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ  9:30 އިން  23:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހާމަކޮށްފައިވާގޮތުގައި  އައްޑު އާއި ފުވައްމުލަކު ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދަތުރުކުރުމަކީ ވެސް މަނާ ވާނެއެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ވަނީ ބަދަލު ވެފައެވެ.

އެ ތޫފާނަށް ދީފައިވާ ނަމަކީ “މޮކާ”އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މި ތޫފާން މަޑުމަޑުން ހުޅަނގު އުތުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

Next: ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި