“ސްޕެނިޝް ކޮޕަ ޑެލްރޭ”ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.
ފައިނަލް މެޗުގައި ވާދަކުރާނީ ރެއާލް މެޑްރިޑް ކްލަބް އޮސަސޫނާއެވެ.
ރެއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވާދަވެރި ބާސެލޯނާއާ ބައްދަލުކޮށް ކުރިހޯދައިގެންނެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރު މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. ނަމަވެސް ސެމީ ފައިނަލް ދެވަނަ ލެގުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް ހަތަރު ލަނޑު ޖަހާ ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާގެ މައްޗައް އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ ފައިނަލަށް ދަތުރު ކޮށްފައެވެ.
ރެއާލާ ދެކޮޅަށް ފައިނަލުގައި ނުކުންނަ އޮސަސޫނާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުއާޓަރ ފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ސެމީ ފައިނަލުގައި އެތްލެޓިކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޮސަސޫނާއިން ވަނީ އަމިއްލަ ދަނޑުގައި އެތްލެޓިކޯ އަތުން 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ދެވަނަ މެޗު 1-1 އިން އެއްވަރު ވުމުން އެގްރިގޭޓުން 2-1 ނަތީޖާއަކުން ކުރި ހޯދާ އޮސަސޫނާއިން ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މީގެކުރިން އޮސަސޫނާ މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ހަމައެކަނި 2005 ވަނަ އަހަރުއެވެ. އެ އަހަރު އެޓީމަށް ފައިނަލުގައި ބަލިވެ ލިބުނީ ދެވަނައެވެ.
ރެއާލް މެޑްރިޑް އަދި އޮސަސޫނާ ބައްދަލުކުރާ މި ފައިނަލް މެޗު ގައި ފާއިތުވި އަހަރު ގަތަރުގައި ކުޅެވުނު ވޯރލްޑް ކަޕުގައި ބޭނުންކުރެވުނު ސެމީ-އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ފުޓުބޯޅަ މެޗެއްގައި ބޭނުންކުރާނެއެވެ. މި ޓެކްނޮލޮޖީގެ އެހީގައި މެޗުގެ ވީޑިއޯ އޮފިޝަލުންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކު ކުޅުންތެރިން އޮފްސައިޑުތޯ ނުވަތަ އޮފްސައިޑް ނޫންތޯ ޔަގީންކޮށްލެވޭނެއެވެ.
މިރޭ ދަންވަރު 1 ޖަހާއިރު ކުޅެވޭ މިމެޗް މީޑިއާނެޓުގެ ޗެނަލްތަކުން ބަލާ ލެވޭނެއެވެ. އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން، އެމްއެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބެލޭނެއެވެ.