އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.
މެޓުން ހާމަކޮށްފައިވާގޮތުން އައްޑޫ ސިޓީ ހުޅުމީދޫއަށް 25.1 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި ފުވައްމުލަކަށް 19 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އައްޑޫ ސިޓީ ގަމަށް 14 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ ލ. ކައްދުއަށެވެ. އެއީ 11 މިލިމީޓަރުގެ ވާރެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މިއަދުގެ 12:00 އިން ފެށިގެން 17 އަށް ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއިހަމައަށް ވަނީ ހުދުސަމާލު ނެރެފައެވެ. އަދި މިސަރަހައްދަށް ވިލާގަނޑުގައި 45 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދަވެސް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
އެހެންކަމުން މެޓުން ވަނީ މޫސުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ކުރިމަތިވާނެ ނުރައްކާ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.