ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން މިހާތަނަށް ޤަބޫލުކުރައްވައިފައި ނުވާކަމަށާއި، އަދި އެކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފަހުފުރުޞަތު ވެސް ކުރީ ސަރުކާރުން ދޫކޮށްލައްވައިފައިވާ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ހުކުރު ދުވަހުގެރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ޗާގޯސްގެ މައްސަލައިގައި ދިވެހި ދައުލަތުން މީގެ އެތައް ޒަމާންތަކެއް ކުރިން ފެށިގެން މިހާތަނަށް ޢަމަލުކުރަމުން އައި ގޮތް ތަފްސީލް ކޮށްދެއްވާފައެވެ.
ޝާހިދު ވިދާޅުވީ ތާރީޚަށް ބަލާއިރު ރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ކަނޑައަޅާފައި ނުވާކަމަށެވެ. އެގޮތުން 1932 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަމަލުކުރެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި ރާއްޖޭގެ ސަރަޙައްދަކީ ކޮބައިިކަން ބަޔާންކޮށްފައިވާއިރު، ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ޤާނޫނު އަސާސީއެއްގައި ބުނެފައި ނުވާކަމަށެވެ. އަދި އޭގެކުރީ ޒަމާންތަކަށް ބަލާއިރުވެސް ރާއްޖެއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ކަނޑައަޅާފައި ނުވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މީގެކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސެއްގެ ޒަޢާމަތުގައިވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ނުވަތަ ޗާގޯސް ހޯދުމަށް ވެސް ވާހަކަދެކެވިފައި ނުވާކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް ނާސިރު، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޗާގޯސް ހޯދުމަށް ކޮށްފައިވާ އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގައި ޗާގޯސްގެ މިލްކުވެރިކަމާގުޅޭ މައްސަލަ ހިނގަމުންދިޔައިރު ދިވެހިރާއްޖެއިން އެ މައްސަލައިގެ ތެރެއަށް ވަދެފައެއް ނުވެއެވެ.
“ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ބުނެ މި މައްސަލައަށް ތަދައްޚުލުވެފައެއް ނުވޭ. ލިޔެކިޔުންތަކަށް ބަލާއިރު، ތާރީހުތަކަށް ބަލާއިރު އެއީ އެންމެފަހުން ލިބުނު ފުރުޞަތުު ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ކޯޓެއްގައި ދިވެހިރާއްޖޭގެ ތަނެއްކަމަށް (ޗާގޯސްއަކީ) ބުނެ އަޑުއުފުލުމުގެ.. އެ ފުރުޞަތު ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުންކުރައްވާފައެއް ނެތް. އެކަން އެހެން ހިނގާފައި އޮތީ އެއްވެސް ސަރުކާރުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް ޤަބޫލުނުކުރާތީ”
ޝާހިދު ވިދާޅުވިއެވެ.
ސަރުކާރާ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ޗާގޯސް މައްސަލައިގައި ޙަޤީޤަތާ ޚިލާފު ވާހަކަދައްކާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެފަދަ ވާހަކަފުޅުތައް ދައްކަވަމުންދާ ބޭފުޅުން ސަރުކާރުގައި ތިއްބެވިއިރު ކަންކަންކުރައްވައިފައި އޮތީ މިހާރު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ދިމާ އިދިކޮޅަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ ކަނޑުގެ އިންވަކިކުރުމާ ގުޅޭގޮތުން ނިންމި ނިންމުން ބަލައިނުގަތުމަށް ބައެއް ފަރާތްތަކުން ވިދާޅުވިނަމަވެސް އެ ނިންމުމާ ދެކޮޅު ހަދައި ވާހަކަދެއްކެވުމަކީ ބައިނަލްއަޤްވާމީ އުޞޫލުތައް ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ނިންމުންތަކާ ދެކޮޅަށް ޢަމަލުކުރަނީ ފަަލަސްތީނުގެ ބިންތަކަށް ބައިނަލްއަޤްވާމީ އުޞޫލުތަކާ ދެކޮޅަށް އަރައިގަނެގެން އުޅޭ އިސްރާއީލްފަދަ ޤައުމުތަކުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.