ރާއްޖެ- މޮރިޝަސްގެ ކަނޑުގެ އިންވަކިކުރުމުގެ މައްސަލަ ރާއްޖެއިން ކާމިޔާބުކޮށްފި

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ނިންމައިފިއެވެ. މިއާއެކު ރާއްޖޭގެ ދެކުނުން ސަރަޙައްދެއް ނުގެއްލި، ދެކުނުގެ އިން ކަށަވަރުވެގެން ދިޔައީއެވެ. ރާއްޖެއިން ހުށައެޅިގޮތަށް މި މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖެއިން ހުށައެޅި ލިޔުންތަކާއި ހެއްކާއި އަދި ސެޓަލައިޓް ފޮޓޯތަކާއި ސައިންޓިފިކް ހުށައެޅުންތަކަށް ބެލުމަށްފަހުގައެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯ އާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައި ނުވާތީ، އެ ސަރަޙައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

ދެޤައުމުގެ ފުށުއަރާ ސަރަޙައްދު ދެޤައުމުން އެއްބަސް ނުވެވޭ ޙާލަތުގައި، ބައިނަލްއަޤްވާމީ އުޞޫލުތަކުން ބަޔާންކުރަނީ އިން ވަކިކުރާނީ “އިކުއިޑިސްޓެންސް” އަށް ބަލައިގެން ކަމަށެވެ. މި އުޞޫލަށް ބަލާއިރު، ދެޤައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ އިން ވަކިކުރަން ފަށާނެ ހިސާބަކާ މެދުއެވެ. އެގޮތުން މޮރީޝަސްއިން ވަކާލާތުކުރަމުން ދިޔައީ، އިން ވަކިކުރުމުގައި މިން އަޅަން ފަށާނީ “ބްލެންހެމް ރީފް” އިން ފެށިގެން ކަމަށެވެ. އެއީ ހަމައެކަނި ހިކި ދިޔަވަރުގައި އެކަނި ފެންނަ ފަރެކެވެ. ނަމަވެސް ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުވަތަ އިން ވަކިކުރަން ފަށާ ހިސާބުގެ ގޮތުގައި ނުބެލޭނެ ކަމަށެވެ. ބޭސް ޕޮއިންޓަށް ބަލައިފި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބެއެވެ.

ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލައި، އިޓްލޮސްއިން ނިންމާފައިވަނީ މޮރީޝަސްގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ “ބްލެންހެމް ފަރު”ގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށް ޓަކައި “އިކުއިޑިސްޓަންސް” ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

އެހެންކަމުން މޮރީޝަސް އާ ދެކޮޅަށް މި މައްސަލަ ނިމުމާ ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ލިބިފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

Next: ކަނޑުގެ އިންކަނޑައެޅުމުގެ މައްސަަލަ ކާމިޔާބުކުރަން ރާއްޖޭގެ ޓީމުން ކުރީ ބުރަ ބޮޑު މަސައްކަތެއް: ޕްރޮފެސަރ ޕަޔަމް