އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނިއަޅަން ބޭނުންވާ ޑަސްބިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯ އިން ކޮތަޅު ވިއްކުމަށް ތައްޔާރުވެފައި މިވަނީ ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް މިމަހުގެ 18 ވަނަ ދުވަހު ފެށިގެން ނަގަމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ.
ވެމްކޯ އިން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރޮންޓް އޮފީހުން ކޮތަޅު ގަންނަން ލިބޭނެ ކަމަށެވެ.
ވެމްކޯ އިން ވިއްކުމަށް ހަމަޖެހިފައިވަނީ ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 17 އާއި 11 އިންޗީގެ ކޮތަޅާއި، 27 އާއި 18 އިންޗީގެ ކޮތަޅާއި އަދި 48 އާއި 36 އިންޗީގެ ބޮޑުމިނުގެ ކޮތަޅެވެ.
“މިގޮތުގެ މަތިން ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދުކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ދަންނަވަމެވެ.” ވެމްކޯގެ އިއުލާންގައިވެ އެވެ.
ވެމްކޯ އިން ވަނީ އެ ކުންފުނިން ވިއްކަން ނިންމާފައިވާ ބިންލައިނާ ހަމައެކަނި ކުނި އުކާލުމުގައި ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.
ކުނި އުކާލުމަށް ހާއްސަ ކޮތަޅު ބުރާސްފަތި ދުވަހު ވިއްކަން ތައްޔާރުވެފައިވީ ނަމަވެސް ކޮތަޅު ވިއްކާނެ އަގު އަދި ވެމްކޯ އިން ހާމަކޮށްފައެއް ނުވެ އެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނާ” އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.