ނަޝީދު މަރާލަން ރާވާ ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން އިންތި ގޮވައިގެން ރޮޒައިނާ ފުލުހަށް

އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ގޮތުން ރޭވުންތަކެއް ރާވާ ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ތުހުމަތުތަކުގެ މައްސަލަ ރޮޒައިނާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.

ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިންތި މިއަދު ވަނީ، ރޮޒައިނާ އައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ނަޝީދަށް ހަމަލާއެއް ދޭން ރާވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން ފުލުހަށް ހުށަހަޅައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން ރޮޒައިނާ މިއަދު ފުލުހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭނާއަކީ މީހަކަށް އަނިޔާއެއް ދިނުމަށް ދުވަހަކުވެސް މަސައްކަތެއް ކުރި ނުވަތަ އެފަދަ ކަމެއް ކުރަން ހިތައްއެރި ނުވަތަ އެފަދަ ކަމެއް ކުރަން ރޭވި މީހެއް ނޫން ކަމަށެވެ. އަދި ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ އޭރުވެސް އަދި މިހާރުވެސް ކުށްވެރިކުރާ އަމަލެއް ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ، ސިޔާސީ ދާއިރާގައި މީހުންނާ ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ވާންޖެހޭ ކަމެއް ކަމަށް ނުވަތަ އަނިޔާވެރިވާންޖެހޭ ކަމެއް ކަމަށް ނުވަތަ އެ މީހަކާމެދު ނަފުރަތު ކުރަންޖެހޭ ކަމެއް ކަމަކަށް ގަބޫލުނުކުރާ ކަމަށާއި އޭނާއަކީ އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ވަކާލާތުކުރާ މީހެއް ކަމަށެވެ.

އަދި އިންތި ތުހުމަތު ކުރައްވާ ފަދައިން ނަޝީދަށް ސެކިއުރިޓީ ދޭންނުޖެހޭ ކަމަކަށް އަދި ދިނުން ހުއްޓާލާކަށް އަދި ދޭގޮތަށް ބަދަލެއް ގެންނަން ވަކާލާތު ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނަޝީދުގެ ސިޔާސަތުތަކަށާއި އެ މަނިކުފާނު ސިޔާސީ ގޮތުން އަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ސިޔާސީ ގޮތުން ފާޑުކިޔާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކިޔާނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ޖިސްމާނީ ގޮތުން އެ މަނިކުފާނަށް ގެއްލުމެއް ދޭން ބޭނުންވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި، ނަޝީދު މަރާލަން ރޭވުމުގެ އިލްތިޒާމު އޭނާގެ ބޮލުގައި އެޅުވުމަކީ ނަޝީދުގެ ޓީމުން ސިޔާސީ ގޮތުން އޭނާއާ ބަހުސްކޮށް، އަބުރު ކަތިލަން އެތައް މަސައްކަތެއްކޮށް އަދި ސިޔާސީ ގޮތުން ފަހަތަށް ޖެއްސުމަށް ކުރި މަސައްކަތުގައި ކުރި ނުލިބުމުން ކުރި ވަރަށް ފިނޑި، ނާތަހުޒީބު އަދި ހަމަ ނުރައްކާތެރި އަމަލެކެވެ. އަދި އެއްވެސް ހެއްކަކާނުލައި އޭނާގެ ބޮލުގައި ނަޝީދު މަރާލަން ރާވާކަމުގެ އިލްޒާމު އެޅުވުމުން ބަޔަކު ޖިސްމާނީ ހަމަލާއެއްދީފާނޭ ހާލަތަކަށް ހުށަހެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

”އެހެނީ ރައީސް ނަޝީދު ފަދަ ކަލްޓް ލީޑަރެއް މަރާލަން އަޅުގަނޑު އުޅޭކަމުގެ ތުހުމަތުކުރުމުން އެކަމާ ކަންބޮޑުވެގެން ރައީސް ނަޝީދަށް ތާއީދުކުރާ ބަޔަކު ނުކުމެ އަޅުގަނޑަށް ހަމަލާއެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ ކުރިންވެސް މިކަން ހިނގާފައި އެބަހުއްޓެވެ،” ރޮޒައިނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެހެންވެ ރޮޒައިނާގެ ސިޓީގައި ވަނީ، އެއްވެސް ހެއްކަކާނުލާ، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އޭނާގެ ބޮލުގައި ނަޝީދު މަރާލަން އުޅުމުގެ ތުހުމަތު އިންތި އެޅުވި މައްސަލަ ފުލުހުން ވީއެންމެ އަވަހަކަށް ބަލާ، އެކަމުގައި ޖިނާއީ ކުށެއްވާ ނަމަ އެކަމަށް ދައުވާ ކޮށްދިނުމަށް އެދިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.  މި ...

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...

ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ...