ޔާމީންގެ ވެރިކަމުގައި ރައްޔިތުން ނިދާފައި ތިއްބާ ގޭގޭގެ ބާލީސް ދޮށުގައި ހަތިޔާރު ބެހެއްޓި ގޮތަށް މިއަދު މާލެ ސިޓީ ކައުންސިލުން ވައްކަން ކުރަމުން ދާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ގުދަނަކަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ރޭ ވަތް މައްސަލަ އާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ދަންވަރު ވައްކަން ކުރާ ކައުންސިލެއްކަމަށާ މިވަރުން ދާކަމުގައި ވާނަމަ މާލޭގެ ރައްޔިތުންގެ ގޭގެވެސް ފަޅަން ފަށާފާނެކަމަށެވެ.
ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން، ފެންނަ ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރުމާލު ޖަގަހަ ހިންގިތަނާ ކައިރީގައި ހުރި ގުދަނަކުން ސިޓީ ކައުންސިލްގެ ލޯގޯ ޖެހި ޓީޝާޓު ލައިގެންތިބި ފިރިހެން މުވައްޒަފުންތަކެއް، ދެ ޕިކަޕަކަށް މުދާ އަރުވާ ފެނެއެވެ.
މިއީ އަޖައިބެއް ކަހަލަ ކަމެއް! މޭޔަރަށް ވިޔަސް ބޮޑުވަރު! ޔާމީން ސަރުކާރުގައި ގޭގެއަށް ވަދެ ބާލީސްދަށުގަ ބަޑިލީ ގޮތަށް މިއަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ރައްޔިތުންގެ ގޭގެވެސް ފަޅަން ފަށާފާނެ މިވަރުން ދަންޔާ! މިވަރުގެ ކައުންސިލެއް ނެތިއްޔާ ރަނގަޅީ! ދަންވަރު ވައްކަން ކުރާ ކައުންސިލް!
ރޮޒެއިނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރ މަހުލޫފްވެސް ރޭވަނީ ޓުވީޓެއްކޮށްފައެވެ. މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އެ މިނިސްޓްރީގެ މުދާތަކެއް ރައްކާކުކޮށްފައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ސާމާނުތަކެއް ގެންދަން ކައުންސިލުން މަސައްކަތްކުރި ކަމަށެވެ. އެ މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފުގެ ތުހުމަތުތައް ދޮގުކޮށް، ކައުންސިލުން ބުނީ އެއީ ކައުންސިލް ބެލުމުގެ ދަށުގައި ހުރި ގުދަނެއް ކަމަށެވެ.
ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް އިދާރާތަކާ މީގެ ކުރިން ވެސް މިފަދަ ބައެއް މައްސަލަތައް ޖެހިފައިވެއެވެ. މިގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ސްޓެލްކޯ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކާ ވެސް އެކި މައްސަލަތަކާއި ޚިޔާލު ތަފާތުވުންތައް އުފެދިފައިވެއެވެ.