އިހަވަންދިއްޕޮޅު ޕޯޓު ބަނދަރު މަޝްރޫއު ފެށުމަށް ގަވާއިދުތައް ބަދަލުކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށެމުގެ މަސައްކަތްތަކާއި ބެހޭގޮތުން މެމްބަރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާލުވެފައިވަނީ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރެވެންދެން އެސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
“ޚިދުމަތް ފެށުމުގެ ކުރިން މިހާރު އަމަލުކުރަމުންދާ ޤަވާއިދުތަކެއް އިސްލާހުކުރަންޖެހޭ. އަދި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރެވި، ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފަ.”
މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފަށާ ޚިދުމަތްތަކުގެ ތަފްސީލުވެސް ވަނީ ދެއްވާފައެވެ. އެގޮތުން ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތް ހިމެނޭކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
އެސް.ޓީ.އޯއިން ބަންކަރިން ޚިދުމަތް ފެށުމަށް ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތަކާއި މަޝްވަރާކޮށް، އެ ޚިދުމަތް ފެށުމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާާގުބޯޓުތަކަށް ޚިދުމަތްދޭން ފެށުމަށް އިމިގްރޭޝަން، ކަސްޓަމްސް އަދި އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތައް ޤާއިމުވެފައިވާ އައި.އެސް.ޕީ.އެސް މިންގަނޑަށް ފެތޭ ފެސިލިޓީއެއް ގާއިމްކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ޕޯޓްސިޓީއެއް ތަރައްގީ ކުރުމަށް ވެސް ސަރުކާރުން ރާވާފައިވާ ކަމަށާއި އެހެންކަމުން ޕޯޓް ސިޓީގެ މަޝްރޫޢު ނިމިގެން އަންނައިރު، އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފަށާނީ ޕޯޓްސިޓީ މަޝްރޫޢުގެ ތެރެއިން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ނިންމާފައިޥާއިރު، އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫޢުއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.