އަތޮޅުތަކުގައި ބާއްވާ މިއަހަރުގެ ފުރަމަ އިޙްޔާ ފޯރަމް އައްޑޫސިޓީ ހިތަދޫގައި ބާއްވައިފި

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅުތަކުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ.

އަތޮޅު އިޙްޔާ ފޯރަމްގެ ނަމުގައި ބޭއްވި ފުރަތަމަ ފޯރަމް ރޭ ބޭއްވުނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލް ހޯލުގައެވެ.

“ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރެއްވީ ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރެވެ.  ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ. އަދި ރަސޫލާ  ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ. އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ޑރ.އަލ ޒާހިރު ބައްލަވާލެއްވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލްވެސް ތަޤުރީރުކުރެއްވިއެވެ. އޭނާވަނީ ރާސޫލާ  ﷺގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ. އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.

Next: ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޕީޕީއެމްގެ ސަޕޯޓަރެއް ހައްޔަރުކޮށްފި