އަންއެމްޕްލޯއީމެންޓް ބެނެފިޓް އިންޝުއަރެންސް ތައާރަފުކުރަނީ

ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާ، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރުފް ކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ޤާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން މިނިމަމްވޭޖް ތަޢާރަފްކުރުމާއި، ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް، ޖޮބް ސެންޓަރުތަކާއި ޖޮބް ސެންޓަރުގެ ޑެކްސްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ފޮނުވިފައިވާ، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލްގެ ސަބަބުން، މުވައްޒަފުންގެ އިޖްތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމުގައިވެސްރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަމަށާ އެބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި އެބިލް އޮތީ މޯލްޑިވުސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކޮށް މުރާޖަޢާކުރައްވާފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޔޫނިއަންގެ އެންމެހައި މެމްބަރުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

Next: މިފަހަރު ރައީސް ނަޝީދު ގުޑުވާނުލެވޭނެ- ނަވާޒް