މާސޭ އަތުން ބަލިވެ ފްރެންޗް ކަޕުން ޕީއެސްޖީ ކަޓައިފި

ފްރެންޗް ކަޕްގެ ދެވަނަ ބުރުގައި ރޭ މާސޭ އަތުން ބަލިވެ ޔޫރަޕުގެ ގަދަބާރު ޕީއެސްޖީ މުބާރާތުން ކަޓައިފި އެވެ.

14 ފަހަރުގެ ޗެމްޕިއަން ޕީއެސްޖީން މިދިޔަ އަހަރުގެ ފްރެންޗް ކަޕުން ވެސް ކެޓީ ހަމަ ދެވަނަ ބުރުން ބަލިވެ އެވެ. އެފަހަރު ނީސް އަތުން ބަލިވިއިރު މާސޭ އަތުން ޕީއެސްޖީ ބަލިވީ 2 – 1 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް މާސޭއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސާޖިއޯ ރާމޮސް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުން މާސޭއަށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭސް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖިއޯ ރާމޮސް ޕީއެސްޖީއަށް އެއްވަރުކޮށްދިނެވެ. ފުރަތަމަ ހާފުގައި މާސޭގެ ލަނޑަށް ފަހު ވެސް ޕީއެސްޖީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް މެސީއާއި ނޭމާގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

މާސޭއިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ހާފުގެ ވަރަށް ކުރީކޮޅު ލީޑު ނެގި އެވެ. 56 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ރުސްލާން މަލިނޯސްކީ އެވެ.

ފްރެންޗް ކަޕުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާލާއިރު ލިޔޯން ބަލިކޮށް ލިލްއިން ކުއާޓާއަށް ދަތުރުކުރިއިރު ޓޮލޫސްއިން ވަނީ ރެއިމްސް ކަޓުވާލާފަ އެވެ. 11 ފަހަރު ފްރެންޗް ކަޕް ހިއްލާލާފައިވާ މާސޭއިން ކުއާޓާއަށް ދަތުރުކުރިއިރު އެޓީމަށް އެންމެފަހުން މިމުބާރާތުގެ ތަށި ހިއްލާލެވުނީ 1989 ވަނަ އަހަރުގެ ފްރެންޗް ކަޕުގެ ފައިނަލުގައި 4 – 3 ން މޮނާކޯ ބަލިކޮށްގެންނެވެ.

Next: ތުރުކީ އާއި ސީރިއާއަށް ރާއްޖެއިން އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރަނީ