ޝަރުޢީ ދާއިރާއާމެދު އިތުބާރު އުފެދުނަސް، މައްސަލަތައް ލަސްވުމަކީ ރައްޔިތުންގެ ޝަކުވާއެއް: ރައީސް

ރައްޔިތުންގެ ހިތްތަކުގައި ޝަރުޢީ ދާއިރާއަށް އިތުބާރު އުފެދެމުންއައިނަމަވެސް، އަދިވެސް ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި “ޤަޟާއީ އަހަރު 2023” ފައްޓާވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއެވެ.

ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު ޢަމާޒެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވެ، ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުންކަމަށް ރައީސް ވިދާޅުވިއެވެ.

“ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، ޢަދުލަށް ހުކުމް ކުރުމުން. އަދި އެ ޙުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ޙުކުމަކަށްވެސް ވާންޖެހޭނެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން.”

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މައްސަލަތައް ބެއްލުން ލަސްވުމުގެ ޝަކުވާއަށް ހޯދައިދެވުވުނު އެންމެ މުހިންމު އެއް ޙައްލަކީ އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް ރާއްޖޭގެ ހުރިހާ ކޯޓެއްގައި ޤާއިމުކޮށް ނިންމުންކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުންކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތަށް ޖުމްލަ 22.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝާރުޢީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް، މި ދާއިރާއަށް ކަނޑައަޅާ ބަޖެޓުވެސް މިއަހަރު އިތުރުކޮށްދެއްވާފައިވާކަމަށެވެ.

“އަޅުގަނޑުމެން ވެރިކަމާ ޙަވާލުވި އަހަރު ޝަރުޢީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާ. މިއަހަރު އަޅުގަނޑުމެން ވާނީ ޝަރުޢީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައި. މިއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު، 35 އިންސައްތައިގެ އިތުރުވުމެއް.”

ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށައަޅާފައިވާ އެއް އިސްލާހަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމަށެވެ. މިއީ މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުގެ އިޚްތިޞާސްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެކެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފްކުރުމަށް ހުށައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ނިޒާމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، އަވަހަށް ނިންމުމަށް މަގު ފަހިވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، އައު ކޯޓުތައް އިމާރާތްކުރުމާއި، ކޯޓުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން އެކި އަތޮޅުތަކުގެ 8 ރަށެއްގައި ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި އަލަށް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހައި ކޯޓާއި މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް، ހުޅުމާލޭގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި، އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ޙަވާލު ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން އައްޑޫ ސިޓީގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްވެސް މިހާރު އޮތީ ބީލަން މަރުޙަލާ ނިމި ބަޔަކާ ޙަވާލުކުރުމުގެ މަރުޙަލާގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުޙަލާތަކުން ޙާޞިލުވާ ކަމެއް ނޫންކަމަށާއި ޢަދުލު އިންޞާފުގެ ދާއިރާ އެއަށް ވުރެ މާ ފުޅާކަމަށެވެ. އަދި އެއީ މުޅި ދައުލަތުގެ ޒިންމާއެއްކަމަށާއި އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ޤާއިމުކުރެވޭ އެއްޗެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ގްރޫޕް އޭ- ދެވަނަ ބުރަށް އިޓަލީ އާއި ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އިޓަލީ އާއި ވޭލްސް އިން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ...

ރާއްޖޭގެ ހުރިހާ ރަށަކުވެސް މާސްކު އަޅައިގެން އުޅެން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ގެއިން ބޭރަށް ނިކުންނަމަ މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

ދެކުނުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދީފި

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ޤާއިމްކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ...