ޝަންގްރިއްލާ ރިސޯޓް ހިންގަން ރިއޯލޯގެ ޝައުގުވެރިކަން

އައްޑޫ ސިޓީގައި އޮޕަރޭޓުކުރަމުން އަންނަ އެންމެ ބޮޑު ރިސޯޓްކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އޮޕަރޭޓްކުރުމަށް ރިއޯލޯ ކުންފުނިން ޝަޢުޤުވެރިކަން ފާޅުކޮށް، އެކަމުގެ މަޝްވަރާތައް ފަށައިފިއެވެ. ރިއޯލޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ބޮޑު އެއް ކުންފުންޏެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އިރު، ބާކީ 70 އިންސައްތަ ހިއްސާ އޮންނަނީ ރިސޯޓު ހިންގުމަށް ސަރުކާރާއި ގުޅިގެން ހަދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގައެވެ. ކޯވިޑާއި ގުޅިގެން ބަންދުކުރި އެރިސޯޓު ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދީ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުންވެސް ވަނީ ބާރު އަޅާފައެވެ. ނަމަވެސް މިހާތަނަށްވެސް އެ ރިސޯޓް އޮޕަރޭޝަނަށް ގެނެވިފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރިއޯލޯގެ ޑިރެކްޓަރ މުޙައްމަދު ޚަލީލް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓް އޮޕަރޭޓްކުރުމަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއި މަޝްވަރާތައް ކުރަމުންދާކަމަށެވެ. ޚަލީލް ވިދާޅުވީ ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގައި އޮތް އެންމެ ބޮޑު އެއް ރިސޯޓަށްވުމުން، އެރިސޯޓް އޮޕަރޭޓްކުރަން ރިއޯލޯއިން ޝައުގުވެރިވާކަމަށެވެ.

“އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ބޭނުންވޭ. ޝަންގްރިއްލާ ސްޓާޓް ކުރަންޏާ އައު ރިސޯޓެއް ހެދުމަށްވުރެ ކުޑަ އަގެއްގައި އެބަހެދޭ. މަސައްކަތްވެސް އަވަހަށް ނިމޭނެ. ޝަންގްރިއްލާ ހުޅުވުނީމަ އައްޑޫ ޓޫރިޒަމްއަށް ބޮޑު ކުރިއެރުމެއް ލިބޭނެ.” މުޙައްމަދު ޚަލީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ ސރިސޯޓު ހިންގަން ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ޚަލީލް ވަނީ އެ ރިސޯޓް ހިންގުމާ ހަވާލުވުމަށް އަދި ގޮތެއް ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ. އަދި ރިއޯލޯއިން ޝަންގްރިއްލާ ރިސޯޓް ގަންނަން އުޅޭކަމަށްބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރު ޚަލީލް ދޮގުކުރެއްވިއެވެ.

ރިއޯލޯއިން އަންނަނީ ދ.އެއަރޕޯޓާއި، އެއަތޮޅު ކަނޑިންމަ ރިސޯޓުގެ އިތުރުން ބ.ނޮޓިލަސް އަދި އދ. ވަކަރުފަޅީގައި ނޯވާ ރިސޯޓް ހިންގަމުންނެވެ.

މިކަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ އައްޑޫ ފަތުރުވެރިކަން ކުރިއެރުވުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ. އަދި ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ އެންމެ ދެކުނުގައި ރިސޯޓުތަކުގެ ބިމު ކުލި، ސްކޮޔާ މީޓަރަކަށް 8 ޑޮލަރުގެ ކުލީގެ ރޭޓް 2 ޑޮލަރަށް ބަދަލުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރިސޯޓު ހުޅުވުން ކަމަށާއި، މިހާތަނަށް އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާތަކުން އެރިސޯޓު ހުޅުވޭނެ ވަކި ތާރީޚެއް ފައިނަލް ކުރެވިފައިނުވާކަމަށެވެ. ނަމަވެސް، މިއަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓް ހުޅުވުމަކީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ ފޭދޫއަސް ކުރެއްވި ދަތުރުފުޅުގައި ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އައްޑޫގެ ރައްޔިތުން އެދޭނަމަ، ޝަންގްރިއްލާ ރިސޯޓް ތަރައްޤީކުރި އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ %30 ހިއްސާ ދޫކޮށްލައްވާނެކަމަށް ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގެ ހުރީހާ އެމްޑީޕީ މެމްބަރުންވެސް ތިބީ ކެނޑިޑޭޓް ޝޫޒާއާއި އެއްކޮށް- ވަސީމު

advertisement މީދޫ ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ތިބީ އެމްޑީޕީ ކެނޑިޑޭޓް ޝޫޒާއާއި އެއްކޮށްކަމަށާ އެމްޑީޕީގެ މެމްބަރުން ބައިބައިވެފައިނެތްކަމަށް ...

މޮރޭއަށް އައްޑޫސިޓީން ވަރަށް ހޫނުމަރުހަބާއެއް ކިޔައިފި

1996 ވަނަ އަހަރު ފުރަތަމަ ފަހަރަށް އައްޑޫއަށް ޒިޔާރަތްކުރި ގާއި މޮރޭ 25 ވަނަ ފަހަރަށް މިމަހުގެ 10 ...

ކޮވިޑް 19 – ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން ފުރުމުގެ ...