ފްރާންސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި ކުޅެވުނު އެންމެ ފޯރިގަދަ ފައިނަލް މެޗަށް ވެގެން ގޮސްފައިވާއިރު ރޭ ކުޅެވުނު މިއާދަޔާ ހިލާފު ފައިނަލްގައި ދެ ފަހަރަށް އާޖެންޓީނާއިން ކުރި ހޯދިއެވެ. އަދި ދެ ފަހަރަށް ފްރާންސުން އެއްވަރުކުރި އެވެ. އަދި އިތުރު ވަގުތުގެ ދެ ހާފު ނިމިގެން ދިޔައީ 3-3 އިން އެއްވަރުވެގެންނެވެ. އެކަމަކު ޕެނަލްޓީގައި އާޖެންޓީނާ މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ 4-2 އިންނެވެ.

މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. އެ ޓީމުން ވޯލްޑް ކަޕް މީގެ ކުރީން ހޯދާފައިވަނީ 1986 ވަަނަ އަހަރާއި 1978 ވަނަ އަހަރުއެވެ.

ގަތަރުގެ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 23 ވަނަ މިނިޓްގައެވެ. މިއީ ޑި މާރިއާ އަށް ފްރާންސްޓީމުގެ ޕެނަލްޓީ އޭރިއާތެރެއިން ފްރާންސްގެ އޮސްމާން ޑެމްބެލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ.

މެސީގެ މިލަނޑާއެކު މެސީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި ގަދަ 16 ބުރާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ އިތުރުން ފައިނަލުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މިމެޗްގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހާފައިވަނީ ވަނީ 36 ވަނަ މިނިޓްގައެވެ. މިއީ ރޮޑްރީގޯ ޑެ ޕޯލް އާއި މެސީ އަދި އަލެކްސިސް މެކަލިސްޓާ ގުޅިގެން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑި މާރިއާ ޖެހި ގޯލެކެވެ..

އާޖެންޓީނާ ދެލަނޑު ޖެހުމުން ފުރަތަމަ ހާފުގެ ފަހުކޮޅު ފްރާންސްގެ ކޯޗް ވަނީ ޑެމްބެލޭ އާއި ޖިރޫގެ ބޭލުމަށްފަހު ކޯލޯ މުއާނީ އާއި މާކަސް ތުރާމް ކުޅެން އަރުވާފައިއެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ގޮސްފައިވަނީ 2-0 އިން އާޖެންޓީނާ ކުރި ހޯދައިގެންނެވެ. ފުރަތަމަ ހާފުގައި އެންމެ ހަމަލާއެއް ވެސް ފްރާންސަކަށް އުފެއްދިފައި ނުވާއިރު ފުރަތަމަ ހާފްގައި އެމްބާޕޭ އެއްގޮތަކަށް ވެސް މެޗު ތެރެއިން ފެނިފައެއް ނުވެއެވެ.

ފްރާންސް އިން ދެ ވަނަ ހާފް ކުޅުން ފަށައިގެން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ގޯލާ ނުރައްކާކޮށްފަދަ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެ ޓީމަށް އާޖެންޓީނާގެ ގޯލަށް ދެވަނަ ހާފްގައި ފުރަތަމަ ހަމަލާއެއްވެސް ފޮނުވާލެވުނީ 70 ވަނަ މިނިޓްގަ އެވެ. އެއީ އެމްބާޕޭ ފޮނުވާލި ހަމަލާއެއކެވެ. އެމްބާޕޭ ޖެހި މިބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިވެފައި އޮތުމުން ފްރާންސްގެ ކޯޗް ވަނީ ފަހުހާފްގައި އިތުރު ދެކުޅުންތެރިއަކު ބަދަލުކޮށް ކިންގްސްލީ ކޯމަން އާއި އެޑުއާޑޯ ކަމަވިންގާ ކުޅެން އަރުވާފަ އެވެ. އޭގެ ފަހުން ފްރާންސްގެ ކުުޅުން ރަގަޅުވެ، އާޖެންޓީނާގެ ފަހަތަށް ބާރު ބޮޑުވާން ފެށިއެވެ. އޭގެ ނަތީޖާ އަކަށްވީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެމްބާޕޭ ގޯލު ޖަހައި މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވެއެވެ. މިއީ ކޯލޯ މުއާނީ އަށް އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީ ޖެހިތާ، މިނިޓެއް ތެރޭ އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި، ފްރާންސަށް މެޗްގެ ނަތީޖާ އްވަރުކޮށްދީފަ އެވެ. . އެމްބާޕޭ މި ދެ ގޯލު ޖެހީ 90 ސިކުންތު ތެރޭގައި ފާހަގަކޮށްލަންޖެހެ އެެވެ.

މެޗްގެ 90 މިނިޓްގެ ކުޅުން ހަމަވިއރު ދެޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް އަށް ލަނޑު ޖަހަން ދެ ފުރުސަތު ލިބުނުނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

އެކަމަކު، އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި މެސީ ވަނީ އާޖެންޓީނާއަށް އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ 3-2 ކަށް ބަދަލުކޮށްދީފައެވެ. މިއީ އޭރިއާތެރެއިން ލަޓާރޯ ޖެހި ބޯޅަ ކީޕަރު ލޮރިސް އަތުގައި ޖެހިފައި މެސީ އަށް ލިބުމުން އެބޯޅަ ގޯލްތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކޮށްދިން ލަނޑެލެވެ. . މިލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމާފަ އެވެ. އަދި ވީއޭއާރްއިން ބަލާފައި ވެސް ނިންމީ މިއީ އޮފްސައިޑް ލަނޑެއް ނޫންކަމަށެވެ.

3-2 އިން އާޖެންޓީނާ ލީޑު ހޯދި ނަމަވެސް މި ފަހަރު ވެސް އާޖެންޓީނާއަކަށް ލީޑު ހިފަަހައްޓާ ލެވޭގޮތެއްނުވިއެވެ. އެއީ އެޓީމްގެ އޭރިއާތެރެއިން އެޓީމްގެ ގޮންޒާލޯ މޮންޓިއެލް އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ދިން ޕެނަލްޓީ، ކާމިޔާބުކޮށް އެމްބާޕޭ ޕްރާންސަށް 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ އެއްވަރުކޮށްދިނުމުންނެވެ. އަދި އެމްބާޕޭގެ މިލަނޑާއެކު އޭނާ ވަނީ މިމެޗްގެ 3 ލަނޑު ޖަހާ ހެޓްރިކް ހަދާ ފަ އެވެ.

މިއީ 1966 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ. އެމްބާޕޭގެ ކުރިން ވޯލްޑް ކަޕެއްގެ ފައިނަލުގައި ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިއަކީ އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ، ޖިއޯފް ހާސްޓް އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި މޮޅުވާން ދެ ޓީމަށް ވެސް ފުރުސަތު ލިބުނެވެ. ހުސްކޮށް ލިބުނު ފުރުސަތުގައި ފްރާންސްގެ ކޯލޯ މުއާނީ އޭރިއާތެރެއިން ހުސްކޮށް ހުރެ ޖެހި ބޯޅަ އާޖެންޓީނާގެ ކީޕަރު މާޓީނޭޒް ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ކުޑައިރު ކޮޅެއްފަހުން އާޖެންޓީނާގެ ލަޓާރޯ މާޓީނޭޒް ހުސް ހުރެ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

ޕެނަލްޓީގައި އެންމެ ފުރަތަަމަ ފްރާންސްގެ އެމްބާޕޭ ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު މާޓީނޭޒް އަތުގައި ޖެހިފަ އެވެ. އާޖެންޓީނާގެ ފުރަތަަމަ ޕެނަލްޓީ މެސީ ތިރިތިރިން ގޯލަށް ފޮނުވާލި އެވެ. ފްރާންސްގެ ދެ ވަނަ ޕެނަލްޓީ ކޯމަން ޖެހިިއިރު، ކީޕަރު މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. އާޖެންޓީނާގެ ދެ ވަނަ ޕެނަލްޓީ ޕައޮލޯ ޑިބާލާ ވަނީ ގޯލުގެ މެދަށް ވައްދާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

ފްރާންސްގެ ތިން ވަނަ ޕެނަލްޓީ އައުރެލިން ޗުއަމެނީ ޖެހިއިރު ދިޔައީ ބޭރަށެެވެ. އާޖެންޓީނާގެ ތިން ވަނަ ޕެނަލްޓީ ލެއަންޑްރޯ ޕަރޭޑޭސް ވަނީ ގޯލަށް ވައްދާލައި، އެ ޓީމަށް އިތުބާރު ބޮޑުކޮށްދީފަ އެވެ. އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މޮންޓިއެލް ގޯލަށް ބޯޅަ ވައްދާލައި، އާޖެންޓީނާ އަށް ޗެމްޕިއަންކަން ހޯދައިދިނެވެ.

Next: ރައީސް ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި