ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މިރޭ ކުޅެވޭ ވޯލްޑްކަޕް ފައިނަލްމެޗް ބަލާލުމަށް ފުވައްމުލަކު ރައްޔިތުންނަށް ނާއިބު ރައީސްގެ ފަރާތްޕުޅުން ދައުވަތު ފޮނުއްވައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިިވާގޮތުން މިރޭ ކުޅޭ ވޯލްޑް ކަޕް ފައިނަލް މެޗު ބަލާލުމަށް ނައިބު ރައީސްގެ ފަރާތުން އެ ސިޓީގެ ރައްޔިތުން ވަނީ ދައުވަތު އަރުވާފައެވެ.
ފުވައްމުލަކުގައި ނައިބު ރައީސްގެ ފަރާތްޕުޅުން ބޮޑު ސްކްރީންގައި މެޗުބަލާލުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެ ސިޓީގެ ހާފިޒް އަހްމަދު ސްކޫލްގައެވެ.
މިރޭ ރާއްޖޭ ގަޑިން 20:00 ގައި ފަށާ ފައިނަލް މެޗު ބަލަން ހާފިޒް އަހްމަދު ސްކޫލަށްދާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނައިބު ރައީސްގެ މި ދައުވަތާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފަވެއެވެ.
މިރޭގެ މެޗު ބެލުމަށް ހޯލަށް ވަންނަ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޫކުރާގޮތައް ހަމަޖެހިފައިވާއިރު މެޗު ނިމުމާއެކު އެފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި އިނާމްތައް ހަވާލު ކުރެވޭނެކަމަށްވެސް ފުވައްމުލަކު ކައިުންސިލުން ވަނީ މައުލޫމާތު ލިބިފައިވެއެވެ.
ގުރުައަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމްތަކުގެ ތެރޭގައި ސޯފާ ސެޓާއި، 55 އިންޗީގެ ޓީވީ، އައިޕެޑާއި އާއި ފައިސާގެ އިނާމްތަކާއި އަދި މިނޫންވެސް ”ސަޕްރައިޒް އިނާމްތައް” ހިމެނޭ އެވެ.
އަދި މިރޭގެ މެޗު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވަގުތު އެތަނުގައި ކެއިން ބުއިމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ނައިބު ރައީސްގެ އިސްނެންގެވުމާއެކު މިރޭ ފުވައްމުލަކުގައި ބޮޑު ސްކްރީންގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، 1998 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލައިލުމުގެ އިންތިޒާމު އެރަށުގެ ބޯޅަ ދަނޑުގައި ނައިބު ރައީސް ފައިސަލްގެ އެހީތެރިކަމާއެކު ހަމަޖައްސަވައިދެއްވިކަން ފާހަގަކޮށްލަންޖެހެއެވެ.