ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރަށް ހުޅުމީދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ނާއިބުރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.
ނާއިބުރައީސް ފައިސަލް ނަސީމު މިހެން ވިދާޅުވީ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީއާއި ޑަޔަލަސިސްގެ ޚިދުމަތެވެ.
މިޚިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ނާއިބު ރައީސް ވަނީ އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވައި، ސިއްޙީ މަރުކަޒުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގެންތިއްބެވި ބައެއް އާއްމުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
މިޚިދުމަތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ސ އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާއިބުރައީސް ފައިސަލް ނަސީމު ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ހުޅުމީދޫ ސިއްހީމަރުކަޒުގައި ޑަޔަލަސިސް ހަދަމުންދިޔަ މީހަކާ ނައީބުރައީސް ބައްދަލުކުރައްވަނީ
ނާއިބުރައީސް ފައިސަލް ނަސީމުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ހިންގަމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލާ ނާއިބް ރައީސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީއާއި ޑަޔަލަސިސްގެ ޚިދުމަތް ފެށި ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، 16 އެނދާއެކު 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒެކެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ތެރެއިން މީދޫގައި ހުންނަ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ. އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ.