މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުއްވައި ދެއްވީ ރަށްޔިތުންގެ މަޖިލިސްގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

މީދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މީދޫ ދެޓީމެއްގެ  ދެމެދު ރޭ ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ  ވިދާޅުވީ، މި ޓާފް ދަނޑުގެ މަސައްކަތް ނިމި، ބޭނުން ކުރަން ފެށޭގޮތް ވުމަކީ މީދޫ ޒުވާނުންގެ ދުވަސްވީ އުންމީދެއް ފުރިހަމަ ވެގެން ދިއުން ކަމަށެވެ

ރޮޒެއިނާ އިތުރަށް ވިދާޅުވީ، މީދޫ ޒުވާނުން ފުރަތަމަ އެދިފައިވަނީ ކުރީން ލިބިފައި އޮތް ޓާފެއް ކުރީގެ ފުޓްސަލް ދަނޑުގައި އަޅައި ދިނުމަށްކަމަށްވިޔަސް ރައީސުލް ޖުމްހޫރިއްޔާ މިވަނީ މުޅިން އާ ރަގަޅު ޓާފް ދަނޑެއް އަޅާ ދެއްވާފައިކަމަށެވެ.

 އެހެންކަމުން މީދޫގެ ޒުވާނުންގެ މި ބޮޑު އުންމީދުގައި ކުލަ ޖައްސައިދިނީތީ އެކަމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާއަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި މިދަނޑުގެ މަސައްކަތް  ވަރަށް އަވަސް ގޮތަކަށް ނިންމަވާދެއްވުމަށްޓަކައި  މިނިސްޓަރ މަހުލޫފު ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް މިނިސްޓަރ މަހުލޫފަށްވެސް ރޮޒެއިނާވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

” މިހާ ހިސާބުން ނިމުނީއެއް ނޫން،  ތިކުދީންނަށްޓަކައި ކުޅިވަރުގެ ދާއިރާގައި ކުރަންހުރި މަސައްކަތްތައް އަދިވެސް  އެބަހުރި . މިގޮތުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. އަދި މިރަށުގައި އޮތް ވިނަދަނޑު އަލުން މަރާމާތުކޮށް ތަރައްގީކޮށް އެތަނުގައި ކުޅިވަރު ބަލަން ތިބެވޭނެ ތަންތަންހަދާ ،އެދަނޑު ޑިވޮލަޕްކުރުމުގެ މަސައްކަތަކީވެސް ކުރިއަށް ރޭވިފައިވާ މަސައްކަތެއް ، އަދި މީގެ އިތުރަށް ޒުވާނުން އެދޭ ގޮތައް އައުޓްޑޯ ވޮލީ ކޯޓެއްވެސް ކުރިއަށް ގެންދަން އަޅުގަޑު  ބޭނުންވޭ “

ރޮޒެއިނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މި ދަނޑު މީދޫ ކައުންސިލް އިދާރާއާއި   ރަސްމީކޮށް ހަވާލު ކޮށްދެއްވާފައި ވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.  މީދޫ އަވަށު އޮފީހުގެ ފަރާތުން އެ ދަނޑު، އަވަށު އޮފީހާއި  ހަވާލުކުރިކަމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މީދޫ ކައުންސިލަރު ސޯލިހާއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީދޫ އަވަށު އޮފީހުގެ ފަރާތުން  ރަސްމީކޮށް ދަނޑާއި ހަވާލް ވުމުން  އެ ދަނޑާބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ މީދޫ އަވަށު އޮފީހުންނެވެ.

 

Next: މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދިނީ މި އަހަރު: ރައީސް