ފީފާ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލާ ވޯލްޑް ކަޕެއްގެ ސެމީން ޖާގަ ހޯދި ފުރަތަމަ އެފްރިކާގެ ޓީމުގެ ޝަރަފު މޮރޮކޯއިން ހޯދައިފި އެވެ.
މިމެޗް މޮރޮކޯ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.
މި ނަތީޖާއާއެކު، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރަމުންދިޔަ އުންމީދުތައް ވަނީ ފެނަށް ގޮސްފައެވެ. ވަރުގަދަ ޓީމަކާއެކު މި އަހަރުގެ ވޯލްޑް ކަޕަށް ނިކުތް ޕޯޗުގަލް މޮރޮކޯއަތުން ބަލިވި ބައްޔަކީ ހަޖަމްކުރަން އުނދަގޫ ނަތީޖާއަކަށްވާނެ އެވެ.
މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނިޓުގައި މޮރޮކޯ އަށް ކާމިޔާބުކޮށްދިނީ ސެވިއްޔާގެ ފޯވަޑް ޔޫސެފް އަލް ނެސްރީ އެވެ. ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އަލް ނެސްރީ ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ.
ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް މި މެޗު ފެށީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެނެވެ. އެކަމަކު ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 51 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ ކުޅެން އަރުވާފައެވެ. އެކަމަކު ރޮނާލްޑޯ އަށް ވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ.
ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މޮރޮކޯގެ ކީޕަރު ބޮނޯ ދިފާއުކުރި އެވެ. އަދި މީގެ އިތުރުން ޕޯޗުގަލްގެ ޖައޯ ފެލިކްސް ފޮނުވާލި ބާރު ޝޮޓެއް ވެސް ބޮނޯ ދިފާޢުކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އަށް އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ފޮނިވާލި ބޯޅަ ގޯލާ އަމާޒެއް ނުކުރެވުނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި މޮރޮކޯގެ ފޯވަޑް ވާލިދް ޗެދީރާ އަށް މެޗުގެ އިތުރު ވަގުތުގައި ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑު ފޮނުވާލާފަ އެވެ. އެކަމަކު މެޗުގެ ބާކީ އޮތް ވަގުތުކޮޅުގެ ތެރޭގައި، މޮރޮކޯ އިން ވަނީ 10 މީހުންނާއެކު ޕޯޗްގަލްގެ ކުޅުންތެރީންނަށް ލަނޑެއް ޖެހިޔަނުދީ ނަތީޖާ ހިފަހައްޓައިފަ އެވެ.
މޮރޮކޯ ކުއާޓާ ފައިނަލަށް ދަތުރުކުރުމަކީ ވެސް މި އަހަރުގެ ވޯލްޑް ކަޕްގައި ހައިރާންކުރެވުނު ނަތީޖާއެކެވެ. އަދި ޕޯޗުގަލް ބަލިކޮށް ސެމީ އަށް ދަތުރުކުރުމަކީ ވަރަށް ތަރީހީ ކާމިޔާބެކެވެ. އަދި މިކާމިޔާބަކީ މުޅި އެފްރިކާ ބައްރުގެ އިތުރުން، އަރަބި ދުނިޔޭގެ ގައުމުތަކަށް ވެސް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކުރެވިދާނެ އެވެ. އަދި ވަކިން ހާއްސަކޮށް މި އަހަރުގެ ވޯލްޑް ކަޕް އަރަބި ދުނިޔޭގެ ގައުމެއްގައި ކުޅުމަކީ، މި ކާމިޔާބީ އިތުރަށް ހާއްސަވާ ސަބަބެކެވެ.
މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމު ވަނީ ޕޯޗުގަލް އާއި ސްޕެއިން އިތުރުން ބެލްޖިއަމް ވެސް މި މުބާރާތުގައި ބަލިކޮށްފަ އެވެ.