ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ކްރޮއޭޝިއާއާއި ޖަޕާން ބައްދަލުކުރި މެޗު ޕެނަލްޓީގައި ޖަޕާން ބަލިކޮށް ކްރޮއޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނު އިރު ވެސް ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ވުމާއެކު މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހަން ފުރުޞަތު ލިބިގެން ގޮސްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ޖަޕާނުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމުމަކާއި ގާތްވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މައޭޑާއެވެ. މިއީ ރިޓްސޫ ޑޯން ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި ހުރި މަޔާ ޔޮޝިންޑާއަށް ލިބުނު ވަގުތު އޭނާ ދިން ޕާހަކުން މައެޑާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ކްރޮއޭޝިއާއިން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އިވާން ޕެރިސިޗްއެވެ.
މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެން ޖެހުނުއިރު، މިއީ މި މުބާރާތުގައި އެކްސްޓާ ޓައިމްކުޅެ ޕެނަލްޓީއަށް ދިޔަ ފުރަތަމަ މެޗެވެ.
މެޗު އެއްވަރު ވެގެން ނިމުމާއިއެކު ނަތީޖާ ނެރެން ޖެހި ޕެނަލްޓީގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޖަޕާނުންނެވެ. ޖަޕާނުގެ ފޯވާޑް މިނަމީނޯ ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ ދިފާއުކޮށްފައެވެ.
ކްރޮއޭޝިޔާގެ ކީޕަރު: ލިވަ ކޮވިޗް މިމެޗްގައި 3 ޕެނަލްޓީ ދިފާއުކުރި
ކްރޮއޭޝިއާގެ ފުރަތަމަ ޕެނަލްޓީ ވްލަސިޗް ފޮނުވާލިއިރު އެ ޕެނަލްޓީ ވަނީ ކާމިޔާބު ވެފައެވެ.
ޖަޕާނުގެ ދެވަނ ޕެނަލްޓީ ވެސް ލިވާކޮވިޗް ވަނީ މަތަކޮށްފައެވެ. ކްރޮއޭޝިއާގެ ދެވަނަ ޕެނަލްޓީ ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. މި ޕެނަލްޓީ ފޮނުވާލާފައި ވަނީ ބްރޮޒޮވިޗެވެ.
ޖަޕާނުގެ ތިން ވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ޓަކޫމާ އަސާނޯއެވެ.
ކްރޮއޭޝިއާގެ ތިން ވަނަ ޕެނަލްޓީ ޖަޕާން ކީޕަރު ދިފާއުކުރިއިރު ޖަޕާނުގެ މަޔާ ޔޮޝިންޑާ ފޮނުވާލި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ކްރޮއޭޝިއާއަށް ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު މޮޅުކޮށްދިނީ މާރިއޯ ޕަސަލިޗެވެ.