އައްޑޫސިޓީގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އާއި، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު އަދި އެ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ މައްޗަށް ތުހުމަތުވާ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ރަފީޢުއްދީން އަޙްމަދު ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ 2 މާރިޗް 2022 ގައި އެ ކޮމިޝަނުން ތަޙްޤީޤު ކުރަންފަށާފައިވާ ކަމަށެވެ.
އެ މައްސަލަ ތަޙްޤީޤް ކުރުމުގެ ތެރެއިން ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް އާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ އެ ދެ ބޭފުޅުންގެ މައްސަލަ ބެއްލުމަށް ވެސް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
އެ ދެ ބޭފުޅުންގެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ، 27 ނޮވެމްބަރު 2022 ވީ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 85 ވަނަ ޖަލްސާގައެވެ. އަދި ބޭފުޅުންގެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. މި ކޮމިޝަނާއި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މަތިކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި އަދި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.