އިހަވަންދިއްޕޮޅު ޓްރާންސްޝިޕް ބަނދަރު ހެދުމަށް ބިން ހިއްކަން ފަށާނީ އަންނަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފް) މިހެން ވިދާޅުވީ އެ ބަނދަރު ހެދުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބިން ހިއްކަން ފަށާނެ ކަމަށެވެ.
ގާތްގަޑަކަށް ތިން ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ މި މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމަނައިގެން ކުރިއަށްގެންދިއުމަށް ނިންމި، ނިންމުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެގޮތަށް ނިންމީ އެހާ ބޮޑު ލޯނެއް ނަގައިގެން އެ މަސައްކަތް ކުރުމުން ފައިދާ ނުވާނެ ކަމަށް ސަރުކާރަށް ވިސްނުމުން ކަމަށެވެ.
އެހެންވެ، އެޗްޑީސީ، އެމްޓީސީސީ، އެސްޓީއޯ އާއި އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީން އުފައްދާފައިވާ ކުންފުންޏެއް ވެސް ކޮންސަލްޓް ފާމް ހެދުމަށް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ކުންފުނި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިޙާރު ފަށާފައިވާ ކަމަށާއި ކޮންސަލްޓް ޓީމުގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ މިހާރު ވެސް އެކި މަރުހަލާތަކުގައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރިން ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުތުރުގައި އެކި ސިނާއަތްތައް ކުރިއަރައި, ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ ރާއްޖެއަށް، އަދި ހާއްސަކޮށް އުތުރުގައި އިތުރު ސިނާއަތްތައް އުފެދޭނެ މަޝްރޫއެއް ކަމަށާއި އެންމެ ރަނގަޅު ގޮތަކަށް ބޮޑު ސިނާއަތެއް ގާއިމްކުރެވޭނެ ގޮތްތައް ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ޓްރާންސްޝިޕްމަންޓް ބަނދަރާއެކު އުފެދޭ ސިނާއަތްތަކަކީ މުސްތަގުބަލުގައި ފައިދާކުރާނެ ސިނާއަތްތައް ކަމަށް ވެސް ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު މި މަޝްރޫއު ހިންގުމަށް ހިޔާރުކުރި ސަބަބާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިންގ ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވާތީ، އެ ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމްކުރުމަށް އެކަށީގެންވާ ސަރަހައްދެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.
މީގެ ސަބަބުން އުތުރުގައި އިގްތިސާދީ ވަރުގަދަ ހަބެއް ގާއިމުވެގެންދާނެ ކަމަށާއި މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ މަޝްރޫއަކަށް ވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައި ވެއެވެ.