މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުހައްމަދު ޔާމީން ހޯދައިފިއެވެ.

މި ކާމިޔާބީއާއެކު މިއީ ޔާމީން މިސްޓަ މޯލްޑިވްސް ކާމިިޔާބުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް އޭނާ މި ޝަރަފް ހޯދިއިރު، އެންމެ ފުރަތަަމަ މި ކާމިޔާބީ ހޯދާފައިވަނީ 2017 ވަނަ އަހަރުގައެވެ.

ހެންވޭރު ދަނޑުގައި އަންގާރަ ދުވަހު ބޭއްވި މި މުބާރާތުގެ އެތުލެޓިކް ފިޒީކް ބައިގެ ޗެމްޕިއަންކަން މިއަހަރު ހޯދާފައިވަނީ އަބްދުﷲ އަހުސަން އެވެ. މިދިޔަ އަހަރު މި މަޤާމު ހޯދާފައިވަނީ އަހުމަދު މައުޒް އެވެ. މީގެއިތުރުން ސްޕޯޓްސް ފިޒީކް ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޒްނީން ރަޝާދެވެ. މިއީ ޖެހިޖެހިގެން އޭނާ މި ޝަރަފް ހޯދި ތިންވަނަ އަހަރެވެ.

ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި މުބާރާތުގެ ޓީމު އިވެންޓުގެ ރަން މެޑަލް ހޯދާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެމްޑީއެފް) އެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިން ރިިހި މެޑަލް ހާސިލުކުރި އިރު، ބްރޮންޒް މެޑަލް ހާސިލުކޮށްފައިވަނީ މެޓްރޯފްލެކްސް އެވެ

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު މި މުބާރާތް ނުބާއްވައެވެ. ޖެހިގެން އައި އަހަރު މުބާރާތް ބޭއްވީ ގިނަ ގޮންޖެހުންތަކާއެކު އެވެ. އެއީ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. ނަމަވެސް ވަރުގަދަ އުސޫލުތަކާއެކު މިދިޔަ އަހަރު މުބާރާތް ބޭއްވިއެވެ.

މިދިޔަ އަހަރުގެ ކާމިޔާބީއާއެކު މިއަހަރު މި މުބާރާތް ބޭއްވީ ޖުމްލަ 26 އެތްލީޓުންނާއެކު އެވެ. މީގެތެރޭގައި އެންމެ ފަހުން ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ބޮޑީބިލްޑިން މުބާރާތުގައި ވިދާލި ދިވެހި ބޮޑީބިލްޑަރުންނާއި އަރަމުން އަންނަ ބޮޑީބިލްޑަރުން ހިމެނެއެވެ.

1997 ވަނަ އަހަރު ބޮޑީބިލްޑިންގ އެސޯސިއޭޝަން ވުޖޫދަށް އައިފަހުން، 1999 ވަނަ އަހަރުން ފެށިގެން ބާއްވަންފެށި މި މުބާރާތަކީ އެ އެސޯސިއޭޝަނުން އެންމެ ބޮޑަށް ތައްޔާރުވާ މުބާރާތްކަންވެސް ފާހަގަކޮށްލެވެއެވެ

މަސްދަރު: ޕީއެސްއެމްނިއުސް

Next: އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް، ދެވަނަ ޓީމަކަށް ޕޯލަންޑް