ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި ސާބިއާއާއި ކެމަރޫން ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ސާބިއާ ނުކުތީ ފުރަތަމަ މެޗުގައި ގްރޫޕުގެ ފެވަރިޓް، ބްރެޒިލް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެންނެވެ. އެޓީމުން ގަބޫލުކުރި ގޮތުގައި ބްރެޒިލް އަތުން ބަލިވެފައި އޮތަސް އެއީ މާޔޫސްވާން ޖެހޭ ކަމެއް ނޫނެވެ. މުހިއްމީ ދެން އޮތް ދެ މެޗެވެ. އަނެއްކޮޅުން ކެމަރޫނުން ފުރަތަމަ މެޗުގައި ބަލިވީ ސްވިޒަލޭންޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗަށް މިދެ ޓީމްނުކުތް އިރު، ބަލިވާ ޓީމެއް ކަޓާނެކަން އެގިފައި އޮތުމުން މި މެޗުގެ މުހިއްމުކަން ދެޓީމަށްވެސް އޮތީ ބޮޑުވެފައެވެ.
ކެމަރޫނުން 1990 ވަނަ އަހަރަށްފަހު ފުރަތަމަ ނޮކްއައުޓް ބުރަކަށްދާން ބޭނުން ވެގެން ތައްޔާރުވަމުންދާ އިރު، އެޓީމުން މިމެޗަށް ނުކުތީ ވޯލްޑް ކަޕްގައި ބަލިވަމުން އަންނަ ރެކޯޑު ނިންމަންވެސް މެއެވެ. އެންމެފަހުން ވޯލްޑް ކަޕުގައި ކުޅުނު އަށް މެޗުންވެސް ކެމަރޫން ބަލިވެފައިވާ އިރު، މިހާރު އެޓީމަކީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ ބަލިވި އެއް ޓީމެވެ. އެންމެފަހުން ކެމަރޫން ވޯލްޑް ކަޕެއްގައި ހޯދި މޮޅަކީ 2002 ވަނަ އަހަރު ސައުދީ އަރަބިއާ ކައިރިން ހޯދި މޮޅެކެވެ. އެ މެޗުގައި ގޯލު ޖެހީ މިހާރު ކެމަރޫން އެފްއޭގެ ރައީސް ސެމިއުލް އެޓޫއެވެ.
ސާބިއާއިން ސާބިޔާގެ ނަމުގައި ވޯލްޑް ކަޕް ކުޅެން ފެށި ފަހުން އަދި ގަދަ 16 އަށް ދަތުރު ކުރެވިފައިނުވާ އިރު، މިއީ އެކަން ވާނެ ފަހަރު ކަމަށް އެޓީމުންވަނީ އުއްމީދުކޮށްފައެވެ . އެއީ ސާބިއާ ސްކޮޑުގެ ވަރުގަދަ ކަމުންނެވެ. އެޓީމުގައި ޔޫރަޕުގެ ޓީމްތަކަށް ކުޅެމުން އަންނަ ތަރިން ގިނަ ކަމުންނެވެ. .
މިމެޗުގެ ކުރިން ކެމަރޫންގެ އެއް ނަންބަރު ގޯލްކީޕަރު އަންދްރޭ އޮނާނާއާއި ކޯޗު ރިގަބާޓް ސޯންގް މައްސަލައެއް ޖެހި، އޮނާނާ ސްކޮޑުވެސް ވަނީ ބާކީ ކޮށްފައެވެ. އޭނާގެ ބަދަލުގައި ބަދަލު ކީޕަރަކަށް ނުކުތީ ޑޭވިސް އެޕަސީއެވެ. އޭނާއަކީ ސައުދީ އަރަބިއާގެ ކްލަބު އަބްހާއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.