ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކޮށްފިއެވެ
ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން އޮސްޓްރޭލިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިމެޗްގައި އޮސްޓްރޭލިޔާއިން ކާމިޔާބުކުރި ލަނޑު 23 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މިޗެލް ޑޫކެވެ.
މި ގޯލަކީ ކްރެއިގް ގުޑްވިން ނަގައިދިން ހުރަހަކުން ޓިއުނީޝިއާ ޕެނަލްޓީ އޭރިއާ ތެރޭ ހުރަސްވި ބޯޅަ، ބަލާލައިފައި ގޯލުގެ ކަނަށް އަމާޒުކޮށްގެން އޭނާ ޖަހައިދިން ގޯލެކެވެ.
އޮސްޓްރޭލިޔާއިން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދުމުން ޓިއުނީޝިއާގެ ކުޅުންތެރީން ކުރިއަށް ޖެހި ލަނޑެއް ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލަނޑު ޖަހާނެ ދެތިން ފުރުސަތު ފުރަތަމަ ހާފް ނިމުމުގެ ކުރީން އެޓީމުގެ ކުޅުންތެރީންނަށް ލިބުނެވެ. އެހެން ނަމަވެސް އެ ލިބުނު ފުރުސަތު ތަކުގެ ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޓިއުނީޝިއާއިން ރަނގަޅު ފޯމެއްގައި ނިންމާލި އިރު، ދެވަނަ ހާފުވެސް އެޓީމު ފެށީވެސް އެ ރޫހުގައެވެ.
މިގޮތުން 61 ވަނަ މިނެޓުގައި ސަސީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒު ނުވެ ދިޔަ އިރު، 72 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޓިއުނީޝިއާގެ ކެޕްޓަން ޔޫސުފް މަސާކްނީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔަން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހު މިނެޓާ ޖެހެންދެންވެސް ޓިއުނީޝިއާއިން ޕޮއިންޓަކަށް މަސައްކަތް ކޮށްފައިވާ އިރު، 84 ވަނަ މިނެޓުގައި ޓަލްބީ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ގޯލްކީޕަރު އަތަށެވެ. އަދި ކެޗްރީޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަޒްރީ ފޮނުވާލި ހަމަލާގައިވެސް މާ ބޮޑު ބާރެއް ނެތެވެ. މިމެޗުން އޮސްޓްރޭލިއާ މޮޅުވުމުން އެޓީމަށް ވަނީ ގަދަ 16 ގެ އުންމީދު ލިބިފައެވެ. އެޓީމުން ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި ފްރާންސް އޮތް އިރު، ތިންވަނައިގައި އޮތީ ޑެންމާކެވެ.