އެމްބޯލޯގެ ލަނޑުން ކެމަރޫންގެ މައްޗަށް ސްވިޒަލޭންޑުން ކާމިޔާބު ހޯދިއިރު އުރުގުއޭއާއި ދެކުނު ކޮރެއާ އެއްވަރު

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި  ދުވަހު ކުޅެވުނު މެޗުތަކުގައި ސްވިޒަލޭންޑުން ކެމަރޫން ބަލިކުރިއިރު އޭޝިއާގެ ގަދަބާރެއް ކަމުގައިވާ ދެކުނު ކޮރެއާއާއި ދެކުނު އެމެރިކާގެ އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.

ގަތަރުގެ  އަލް ޖަނޫބް ސްޓޭޑިއަމްގައި ސްވިޒަލޭންޑުން ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗު 1 – 0 ގެ ހަނިތަފާތަކުން ސްވިޒަލޭންޑުން ، މެޗް ކާމިޔާބުކުރިއިރު  މެޗުގައި ފެނުނު ހަމައެކަނި ގޯލު ސްވިޒަލެންޑަށް ޖަހައިދިނީ ކެމަރޫންއަށް އުފަން ބްރީލް އެމްބޯލޯ އެވެ. މިލަނޑަކީ ޒަރްދާން ޝަގީރީ ހުރަހަކުން އެމްބޯލޯ ކާމިޔާބުކުރި ލަނޑެކެވެ.

ސްވިޒަލޭންޑުން

އެމްބޯލޯއަކީ ސްވިޒަލޭންޑަށް ކުޅޭ ކުޅުންތެރިޔެއް ނަމަވެސް އޭނާއަކީ ކެމަރޫނަށް އުފަން ކުޅުންތެރިޔެއްކަން ފާހަގަކޮށްލެވެ އެވެ. މިމެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް ގިނަ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވި އެވެ.

ބުރާސްފަތި ދުވަހު އުރުގުއޭއާއި  ދެކުނު ކޮރެއާ ބައްދަލުކުރިމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މީގެކުރިން 11 ފަހަރު މި ދެޓީމު ބައްދަލުކޮށްފައިވާއިރު  ލަނޑެއް ނުޖެހި މެޗް ނިމުނު މީ ފުރަތަމަ މެޗެވެ.

ކެމަރޫން

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި އުރުގުއޭގެ ޑާވިން ނޫނޭޒްއާއި ލުއިސް ސުއަރޭޒްގެ ކުޅުން ފާހަގަވެގެންދިޔަ އެވެ. ނަމަވެސް އެކުޅުންތެރިންނަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނެވެ.

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅޭ ކޮރެއާގެ ތަރި ސޮން ހެއުން މިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނުއިރު އުރުގުއޭގެ ޑިފެންސަށް އެންމެ ބޮޑަށް އުދަނގޫކުރި އެއްކުޅުންތެރިޔަކީ ސޮން އެވެ. އުރުގުއޭ ޑިފެންޑަރުން ކުޅެމުން ދިޔައީ ސޮންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ސަމާލުވެގެންކަން މުޅި މެޗުން ވެސް ފާހަގަކޮށްލެވުނެވެ.

ކޮރެއާއަށް ވެސް ލަނޑު ޖަހަން ހުސް ފުރުސަތުތައް މެޗުގެ ތެރެއިން ލިބުނެވެ. ނަމަވެސް އެޓީމުގެ އުއީ ޖޯ ހްވާންއާއި ސޮންގެ ހަމަލާތައް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މިމެޗު ނިމިގެންދިޔައީ  ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

Next: ރިޗާލިސަންގެ ދެލަނޑާއެކު ބްރެޒިލުން ސާބިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި