ދުނިޔޭގެ ރޭންކިން 51 ވަނައިގައި އޮތް ސައުދީން މިއަދު ވޯލްޑްކަޕުގައި ރޭންކިން ތިންވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު އާޖެންޓީނާ އަތުން ހޯދި ތާރީހީ މޮޅާ ގުޅިގެން އެގައުމުގެ ސަރުކާރު މިއަދު ބަންދުކޮށްފި އެވެ.
ސައުދީ އަރަބިއްޔާއިން ލިއޮނަލް މެސީގެ އާޖެންޓީނާގެ މައްޗަށް ހޯދި ތާރީހީ މޮޅާ ގުޅިގެން އެގައުމުގައި ނޭޝަނަލް ހޮލިޑޭ އިއުލާންކޮށްފައިވާއިރު މިއަދު ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޗުއްޓީވާނެކަމަށް ސައުދީ ޕްރެސް އޭޖެންސީން ހާމަކޮށްފި އެވެ.
ދަރިވަރުން ވެސް ކުލާސްތަކަށް ހާޒިރުވާން ނުޖެހޭއިރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގައި އާޖެންޓީނާ ބަލިކޮށް ސައުދީން ވަނީ މުޅި ދުނިޔެއަށް ސިހުން ގެނުވާފަ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނި ދުނިޔޭގެ ރޭންކިން ތިނެއްގައި އޮތް އާޖެންޓީނާގެ މައްޗަށް ސައުދީން ފަހަތުން އަރާ މޮޅުވީ 2 – 1 ންނެވެ.
މެސީގެ ޕެނަލްޓީން އާޖެންޓީނާ ލީޑު ނެގިނަމަވެސް ދޯހާގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލް ޝެހްރީއާއި އަލް ދައުސާރީގެ ލަނޑުތަކުން އާޖެންޓީނާ ބަލިކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެކަމަށް ބެލެވޭ އާޖެންޓީނާގެ މައްޗަށް ސައުދީން ކުރި ހޯދުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނެވެ.
ސައުދީގެ ކީޕަރު މުހައްމަދު އަލޮވައިސް ވަނީ މެޗުގައި ޖުމްލަ ފަސް ސޭވްކޮށްފަ އެވެ. މިމޮޅު ވެގެން ގޮސްފައިވަނީ މުޅި ސައުދީ އަރަބިއްޔާއަށް ވެސް ލިބުނު ޝޮކަކަށެވެ. މިދިޔަ މަހު ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އެގައުމުގެ ކުޅުންތެރިން ގާތު މުބާރާތުން އެގައުމު ޕޮއިންޓެއް ހޯދާނެކަމަށް ވެސް އެއްވެސް މީހަކު އުއްމީދު ނުކުރާ ކަމަށް ބުނެފަ އެވެ.
އަދި ޕްރިންސް ވިދާޅުވީ ސައުދީގެ ގްރޫޕް އޮތީ ވަރަށް އުދަނގޫކޮށްކަން އެނގޭ ކަމަށާއި އެއްވެސް މީހަކު އެޓީމު މޮޅު ނޫނީ އެއްވަރުވެސް ވާނެކަމަށް އުއްމީދު ނުކުރާ ކަމަށެވެ.
ނަމަވެސް ސައުދީން މިވަނީ ހުރިހާ އެންމެން ސިއްސުވާލާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ލަދުގަންނަވާލާ އެމީހުން ހަމަބިމަށް ތިރިކޮށް ކާމިޔާބު ފެށުމަކުން މުބާރާތް ފަށާފަ އެވެ. އަދި އެކަމުގެ އުފަލުގައި މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ވެސް އެގައުމުންވަނީ އިއުލާންކޮށްފަ އެވެ.