ލީގު ކަޕް: ތިންވަނަ ބުރުން ޗެލްސީއާއި އާސެނަލް ކަޓައިފި

އިނގިރޭސި ލީގު ކަޕް ގެ ތިންވަނަ ބުރުގައި އާސެނަލްއާއި ބްރައިޓަން ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ މުބާރާތުން ކެޓިއިރު، މެންޗެސްޓާ ސިޓީ އަތުން ބަލިވެ ޗެލްސީ ވެސް މުބާރާތުގެ ތިންވަނަ ބުރުން ވަނީ ކަޓާފައެވެ.

ބުދަދުވަހުގެރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ބްރައިޓަން އިން ވަނީ 3-1 ގެ ނަތީޖާއިން އާސެނަލް ބަލިކުރުމަށް ފަހު މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑީ ކެޓިއާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބްރައިޓަންއަށް ނަތީޖާ ހަމހަމަ ކޮށްދީފައި ވަނީ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑެނީ ވެލްބެކެވެ.

ބްރައިޓަންއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 58 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މިޓޯމާއެވެ. ބްރައިޓަންގެ ތިންވަނަ ލަނޑު 71 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ތާރިޤް ލަމްޕްޓީއެވެ.

ލީގު ކަޕްގެ ތިންވަނަ ބުރުގައި ބުދަ ދުވަހުގެރޭ ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ސިޓީ ވަނީ ޖާގަ ހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ސިޓީން މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ 53 ވަނ މިނެޓުގައި ހިލޭ ޖެހުމަކުން މަހްރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެ ލަނޑުޖެހިތާ ފަސް މިނެޓް ފަހުން ސިޓީގެ ޒުވާން ފޯވާޑް އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖެހުމަށް ވެސް އެސިސްޓް ކޮށްދީފައި ވަނީ މަހްރޭޒްއެވެ.

ޗެލްސީ ޕްރިމިއާލީގެ މެޗްތަކުންވެސް ދައްނަތީޖާތަކެއް ލިބެމުން ދަނިކޮށް ލީ ކަޕުން އެ ޓީމް ކެޓުމާއިއެކު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް މި ވަނީ އަނެއްކާ ވެސް ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހި، ޕްރެޝަރު ބޮޑުވެފައެވެ.

advertisement
Next: މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން