ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލް ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިއީ 2014 އަދި 2015 ވަނަ އަހަރު ފެނަކައަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައިވާކަމަށް ފާހަގަކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނީ މި މައްސަލައިގެ ތަޙުޤީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާއި ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަމަށެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވާ ނުކުރާނަމަ ސަޕްލަޔަރަށް ފައިސާ ދައްކާއިރު މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑެމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ ޢަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުޤީގަށް އެނގޭ ކަމަށެވެ.

”ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 އަށްވުރެ ގިނަ ރުފިޔާ ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެންގެން އޮވެއެވެ.“

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކައިގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަހަތަށް އިސްކަންދީފައިވާކަން ތަޙުޤީގަށް ހާމަވެފައިވާ ކަމަށާއި، އެހެންކަމުން އެ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލައިގައި ތުހުމަތުކުރެވޭ 4 މީހުންގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ދަޢުވާ ކުރުމަށް ފޮނުވި 4 މީހުން:

1- ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް.

2- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުންނެވި މިންހާޖު ވަޙީދު.

3- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި އަޙްމަދު ޞާލިޙު ނާޞިރު.

4- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުންނެވި އަޙުމަދު ޢަޒްލީމް.

އޭސީސީން ބުނީ އެ މީހުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިއަދު ޕީޖީ އޮފީހަށް ވަނީ ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކައަށް އަންގާފައިވާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ...

ރައީސުލްޖުމްހޫރިއްޔާ ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ...

ދީނީ ތަޢުލީމު ދިނުމަކީ އިސްލާމީ ޚިދުމަތެއް ނޫން – ޝައިޚް އިލްޔާސް

ދިނީ ތަޢުލީމު ދިނުމަކީ އެއީ އަދި އިސްލާމް ދީނަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށް މަޝްހޫރު ދީނި ޢިލްމުވެރިޔާ ...