މީޑިއާނެޓަށް ބުރަވެފައިވާ ގަވައިދާއި މަޖިލީސްވެސް ދެކޮޅު!

މީޑިއާނެޓަކީ ދިވެހިރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ކުންފުންޏެވެ. މި ކުންފުންޏަށް މި ދާއިރާ “މޮނޮޕޮލައިޒް” ކުރެވޭގޮތަށް ރީ-ބްރޯޑްކާސް ކުރުމުގެ ގަވައިދު އެކުލަވާލާފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވަނީ މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައެވެ. 

އެއާއެކު، ކޭބަލް ޓީވީގެ ޚިދުމަތް މީޑިއާނެޓަށް މޮނޮޕޮލައިޒް ކުރެވޭގޮތަށް އޮތް ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގިނަ މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އެއް ކުންފުންޏަކުން މުޅި އިންޑަސްޓްރީ ކޮންޓްރޯލުކުރެވޭ ގޮތަށް އޮތް އެ ގަވައިދާއި ގުޅިގެން މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

އެ ގަރާރަށް ވާހަކަދައްކަވަމުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަސީމު ވިދާޅުވީ ރީ-ބްރޯޑްކާސްޓު ކުރުމުގެ ގަވައިދުގައި ބޭރުގެ ކުންފުންޏަކަށްވެސް އަދި ސަތޭކަ އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް ނުވިނަމަވެސް ރީ-ބްރޯޑްކާސްޓުކުރުމަށް ހުރަހެއް ނެތްކަމަށެވެ.

ރީ-ބްރޯޑްކާސްޓު ކުރަމީހުންނަކީ ބްރޯޑްކާސްޓުކުރާ މީހުންގެ އަތުން ކޮންޓެންޓު ގަނެގެން އެ ކޮންޓެންޓު އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ފަރާތްތައްކަމަށް ނަސީމު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި، ރީ-ބްރޯޑްކާސްޓިން ކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އަދި އެ ދާއިރާގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށެވެ. 

“ރީ-ބްރޯޑްކާސްޓު ކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަށް ދީގެން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވާދަވެރިން އުފައްދައިގެން، ޚިދުމަތުން އަގުތިރިކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ނުލަފާ ދޮން ބަފައެއްގެ ރޯލު އަދާކޮށް ގާނޫނީ އިމުން ބޭރުން ފާޑުފާޑުގެ ގަވައިދުތައް ހަދާ މި ޚިދުމަތް މޮނޮޕޮލައިޒްކޮށްގެން ތިބެ ރައްޔިތުންނަށް ހެޔޮ އަގުގައި ޓީވީ ބަލާލުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ނުކުރުމަށް އަޅުގަނޑު ގޮވާލަން”

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ނަސީމު ވިދާޅުވިއެވެ.

ނަސީމު ވިދާޅުވީ ޖެނުއަރީމަހުން ފެށިގެން ބްރޯޑްކާސްޓުކުރުމަށް ދިރާގަށް ދީފައިވާ ލައިސެންސް އާކޮށް ނުދޭނެކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާކަމަށެވެ. ރާއްޖޭގެ 80 އެއްހާ ރަށުން 15000 ރައްޔިތުން ދިރާގު ޓީވީގެ ޚިދުމަތް ހޯދަމުންދާއިރު، ދިރާގު ރީބްރޯޑްކާސްޓިން ކުރުމުގެ ޚިދުމަތަށް ވަނީ ބޮޑު އިންވެސްޓެއްކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދުގެ ސަބަބުން ދިރާގަށް ބޮޑު ގެއްލުމެއް ލިބިގެންދާނެކަމަށާއި ދިރާގުގެ ބޮޑު ހިއްސާއެއް އޮތީ ބޭރުގެ ކުންފުންޏެއްކަމަށް ވުމުން، އެ ވާހަކަ އެފަރާތްތަކާއި ހިއްސާކުރަންވެސް ފަސްޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ފަސް ޖެހެނީ ރާއްޖެއަށް އިންވެސްޓު ކުރާ ފަރާތްތަކަށް ރާއްޖެއާއި މެދު އޮންނަ އިތުބާރު ގެއްލިދާނެތީކަންވެސް ނަސީމުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

އެ މައުލޫގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ ރީ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުަލަވާލާފައިވަނީ ގާނޫނުގައި އޮތް އެއްޗެއް ރަަނގަޅަށް ބައްލަވާފައި ނޫންނަން ބްރޯޑްކާސްޓިން ކޮމިޝަން މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުމުންވެސް އެނގިގެން ދިޔަކަމަށެވެ. 

ގާނޫނު އަސާސީއިން ރައްޔިތުންނަށް ވިޔަފާރި ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާއިރު، އަދި ބްރޯޑްކާސްޓިން ކުރުމުގެ ގާނޫނުގައިވެސް ރީބްރޯޑްކާސްޓުކުރުން ހަނިކޮށްފައި ނުވާއިރު، ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު އެކުލަވާލާފައިވާ ގަވައިދަކީ ނާޖާއިސްގޮތުގައި ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދިނުމަށް އެކުލަވާލާފައިކަމެއްކަމަށް ތާރިގު ވަނީ ތުހުމަތުކުރައްވާފައެވެ. 

“ގާނޫނު އަސާސީއިން ދީފައި އޮތް ހައްގެއް ގަވައިދަކުން ހަންޏެއް ނުކުރެވޭނެ، ބްރޯޑްކާސްޓިން ކޮމިޝަނުންގެ މެމްބަރުން އޭސީސީއަށް ހާޒިރުކޮށް އެމީހުން ބައެއްގެ އަތުން ނާޖާއިސް ފައިދާނަގައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ބަޔަކަށް ނާޖާއިޒް ފައިދާ ހޯދުމުގެ ގޮތުން ގަވައިދެއް އެކުލަވާލާފައި އޮތްކަމަށް އަޅުގަނޑަކަށް ފެންނަނީ”

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވިއެވެ.

ތާރިގު ވިދާޅުވީ އެ ގަވައިދާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި ސުވާލުކުރުމުން، އެ ގަވައިދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަންފާ ވާގޮތަށް އެކުލަވާލާފައިވާ ގަވައިދެއްކަމަށް އެ ކޮމިޝަނުން ބުނެފައިވާކަމަށެވެ. 

އެހެން ނަމަވެސް އެ ގަވައިދު އެގޮތަށް އޮތުމުގެ ސަބަބުން ބޮޑު ފައިދާއެއް ލިބޭ މީޑިއާނެޓަކީ ކުދި އަދި މެދުފަންތީގެ ގިންތީގައި ހިމެނޭ ވިޔަފާރިއަކަށްވުރެ ބޮޑު ފުޅާ ވިޔަފާރިއެއްކަމަށް ތާރިގު ވިދާޅުވިއެވެ. އަދި މީޑިއާނެޓަކީ 20 މިލިއަން ރުފިޔާއަށްވުރެ މަތިން ފައިދާ ލިބޭ ކުންފުންޏެއްކަންވެސް ފާހަގަކުރެއްވިއެވެ.

އެ މައުލޫގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ މީޑިއާނެޓަށް ކޭބަލް ޓީވީގެ ޚިދުމަތް މޮނޮޕޮލައިޒް ކުރެވޭ ގޮތަށް އޮތް ގަވައިދަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. 

އެގޮތުން އޭނާ ވިދާޅުވީ ގިނަ ބަޔަކަށް ރީ ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ކަންކަން ފަހިކުރުމަކީ ވާދަވެރި މާހައުލެއްގެ ތެރެއިން ހެޔޮ އަގުގައި ރއްޔިތުންނަށް ޚިދުމަތްތައް ލިބޭނެ ކަމެއްކަމަށެވެ. ގާނޫނު މަނާ ނުކުރާކަމެއް ގަވައިދަކުން ހަނިކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ހައްގެއް ނޫންކަމަށާއި، އެ ގަވައދުގެ ސަބަބުން ފައިދާ ލިބެމުންދަނީ ވަކި ބަޔަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.  

“އެސް.އެމް.އީއަށްވެސް ފައިދާވަނީ ރީ ބްރޯޑްކާސްޓުކުރުމުގެ ލައިސެންސް ގިނަ ބަޔަކަށް އޮތީމަ، މިހާރު މި ގަވައިދަށް ބަދަލު ގެނައިމަ މީގެ އެއްބަޔަކަށް ފައިދާވެފައި، އެހެން ބަޔަކަށް މީގެ މަގު ބަންދުވެގެން ދާ ދިއުމަކީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫން”

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވިއެވެ.

މީޑިއާނެޓަށް ފައިދާވާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލި ރީ-ބްރޯޑްކާސްޓުކުރުމުގެ ގަވައިދާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ ބްރޯޑްކާސްޓުކުރުމުގެ ހައްގު ނުވަތަ ބާރު 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ދިނުމަށް ކަނޑައަޅާފައި ގަވައިދު ހަދާފައި އޮތް ނަމަވެސް ރީ-ބްރޯޑްކާސްޓުކުރުމުގެ ހުއްދަ ހަނި ނުކޮށް އޮތީ މަޖިލީހަށް އޮޅިގެން ނޫންކަމަށެވެ.

ގާނޫނެއް ވަކި ގޮތަކަށް ލިޔެފައި އޮތްވާ ގަވައިދަކުން އެކަން ބަދަލު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން އެކަން ކުރުމުގެ ސަބަބުން މި ދާއިރާގައި ޚިދުމަތްކުރަން ތިބި ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

“ދީރާގު ޓީވީ އެކަނި އެބަ ބޭނުންކުރޭ 15000 ކަސްޓަމަރުން. މިއީ ރާއްޖޭގެ އައިސޮލޭޓެޑް އެތައް ރަށެއްގައި ތިބި ކަސްޓަމަރުން. ދިރާގުން ފައިބާ ނެޓުވޯކުތައް ރަށްރަށުގައި އެޅުމުގެ ކުރިން ވަރަށް ހާލުން ރަށްޔިތުން ރީތި ޑްރާމާއެއްވެސް ރަށްރަށުގައި ބަލާ އުޅުނީ. ރަނގަޅު ފުޓުބޯޅަ މެޗެއްވެސް ބަލާ އުޅުނީ ވަރަށް ހާލުން. އަޅުގަނޑު ކޮންމެހެން ބާރުލާފައި ދިރާގު ރަނގަޅު ކުރަން ވާހަކަދައްކަނީ އެއްނޫން. އެހެން ނަމަވެސް ވާދަވެރިންނަށް މާކެޓަށް ވަދެވުނީމަ، ނެޓުވޯކުވެސް ރަނގަޅު ވަނީ، އަގުވެސް ރަނގަޅުވަނީ” 

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ މެމްބަރުންތަކެއް މީޑިއާނެޓަށް ބުރަވާގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ގައިދަށް ފާޑުވިދާޅުވެފައިވާއިރު، މަޖިލިހުގެ ހަނިމަދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ދިވެހިރާއްޖެ ވާދަވެރި ވިޔަފާރީގެ މާކެޓަކަށް ހުޅުވިފައިވާއިރު، ހިދުމަތް ދިނުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ އުސޫލުތައް އޮވެގެން ނުވާނެކަމަށެވެ. 

ދިވެހިރާއްޖޭގައި ވިޔަފާރިއެއް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ހުއްދަދިނުމުން، އެ ހިސާބުން އެ ހުއްދަ އެހެން އެއްވެސް ދިމާލަކުން ހިފަހައްޓައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

“ރާއްޖޭގައި ކުންފުނިތައް ގިނަވި ވަރަކަށް ކޭބަލް ޓީބީއާއި އަދި އެހެން ކަންކަންވެސް ކުރާ ފަރާތްތައް ގިނަވި ވަރަކަށް، އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ، ފޯނު ކުންފުނީގެ ދެ ކުންފުނި އައުމުން 10 ރުފިޔާއެއް މިނެޓެއް ހުރި ކޯލުގެ އަގު މިހާރު ތިރިވެގެން ގޮސް ލާރިއަށް ބަދަލުވެފައި އެ ހުރީ، އެހެންވީމަ އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ”

މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

މީޑިއާނެޓަށް ފައިދާ ވާގޮތަށް، ރީ-ބްރޯޑްކާސްޓު ކުރުމުގެ ގަވައިދު ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވުމާއި ގުޅިގެން ޝިޔާމު ހުށައެޅުއްވި ގަރާރަށް ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ އެ ގަވއިދުގައިވާ ކަންކަމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފައެވެ. 

އަދި އެ ގަވައިދު ހަދާފައިވަނީ ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ނުފޫޒު ފޯރުވައިގެންކަމަށްވެސް ބައެއް މެމްބަރުން ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނުފޫޒު ފޯރުވާކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ތުހުމަތުކުރައްވާފައިއެވެ. 

ޖުމްލަކޮށް މެމްބަރުންގެ ވާހަކަތަށް ބަލާއިރު، ކޭބަލް ޓީވީގެ ޚިދުމަތް މީޑިއާނެޓަށް މޮނޮޕޮލައިޒް ކުރެވޭގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ ގަވައިދަނީ ގާނޫނުން ލިއްބައިދީފައި ނުވާ ބާރެއް ބޭނުންކޮށްގެން އެކުލަވާފައިވާ ގަވައިދެއްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެ ދާއިރާގައި ވާދަވެރި މާހައުލެއް އުފެދުމަށް އޮތް ފުރުސަތު ހަނިވެގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ. 

އެކަމަކީ ވަކި ބަޔަކަށް އަގުތައް ކޮންޓްރޯލުކުރެވޭ ގޮތަށް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުލިބޭނެކަމެއްކަމަށް އެ ގަރާރާއި އެއްކޮޅަށް ވާހަކަދެއްކެވި ގިނަ މެމްބަރުން އިއްތިފާގުވެއެވެ

މަސްދަރު: ވޮއިސް އެމްވީ

Next: މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން