މި ސަރުކާރަކީ ދަނޑުވެރިންގެ ޝަކުވާތައް އަޑުއަހާ، އެކަންކަން ހައްލު ކޮށްދޭ ސަރުކާރެއް: ރައީސް

ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ، ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށާއި، މިއަދު ޤާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމަށެވެ. އެހެންކަމުން ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ އެކިއެކި މަސައްކަތްތަކާ، ވަކިވަކި ފަރުދުންނަށް ދެ މިލިއަންރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ، މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، މިދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.

ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކާށިދޫއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ ރަށެއް ނަމަވެސް، ކާށިދޫގައި ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް މީގެ ކުރިން ފާހަގަކޮށްފައި ނެތްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކާށިދޫގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް ހަނދާނީފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 _ އިތުރު 24 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު  24 މީހަކު މިއަދު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ ...

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...

ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް- އިބްރާހިމް ޒުބައިރު

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދޫ ކަރަންޓީނުކޮށް ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ...