ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮނޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މަރަދޫގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިސަރުކާރަށް 4 އަހަރު ވެގެންދާއިރު އައްޑޫ ސިޓީއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައި ނުވާކަމަށެވެ. މިކަންކަމާއި ރައްޔިތުން ވަރަށް ބޮޑަށް މާޔޫސް ވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާ ލިބޭނީ ބޮނޑިއެއް ކަމަށާއި އަދި ބަރުލަމާނީ ނިޒާމެއްގައި ނޫން ގޮތަކަށް ރާއްޖޭގައި ވެރިކަން ހިންގޭނެ ކަމަށް ލަފާ ނުކުރައްވާ ކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެކަން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވުރެ މުހިއްމު ވެގެން އަންނަން ޖެހޭނީ ބަރުލަމާނީ އިންތިހާބު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާވެސް ލިބޭނީ ބޮޑިއެއް. އެކަމު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއްގައި، ޕާލިމަންޓްރީ ނޫން ނިޒާމެއްގައި ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ. ތިބޭފުޅުން އަޅުގަނޑުދެކެ ރުޅި އަންނާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ނިޒާމު ބަދަލު ކުރުމުގެ މަސައްއަކަތް އަޅުގަނޑު ކުރާނެ. ދެން އަޅުގަނޑު ދެކޭނީ އަޅުގަނޑަށް ކާމިޔާބު ވާނެކަމަށް. އަޅުގަނޑު ދެކޭނީ ރިޔާސީ އިންތިޚާބަށްވުރެ އިސްކަންދޭންވީ ނިޒާމީ އިންތިޚާބަށް ކަމަށް
ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ނަޝީދު ވަނީ ދާދިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދަން ނަޝީދު ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ކޮމެންޓްސް (0)