އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނީ އައްޑޫ އެއާޕޯޓް ތަރައްޤީ ކުރެވިގެން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސީޓީ ފޭދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވައި، އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކުގެ ވަޒީފާގެ މައްސަލަ ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނީ އެއާޕޯޓް ތަރައްޤީ ކުރެވިގެން ކަމަށެވެ.
އެއާޕޯޓް ތަރައްޤީ ކުރެވިއްޖެނަ އައްޑޫ ސިޓީގައި ޓުވަރިޒަމްގެ ހަރަކާތްތައް އިތުރަށް ފުޅާކުރެވި، ޓުވަރިޒަމްގެ ދާއިރާއިންވެސް އިތުރު ވަޒީފާތައް ފަހިވާނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުންވެސް އައްޑޫ ސިޓީގައި ޓުވަރިޒަމްގެ ވިޔަފާރި އިތުރަށް ފުޅާކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށެވެ. ނަމަވެސް އެންމެ ބޮޑު މަސައްކަތަކީ މިހާރުން މިހާރަށްވެސް އައްޑޫ އެއާޕޯޓް ތަރައްޤީ ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއާޕޯޓްގެ މަސައްކަތް އަވަހަށް ކުރިއަށް ގެންގޮސް ނިންމި، ޓުވަރިޒަމްގެ ވިޔަފާރި ފެށި، އެކަންތައްތައް ކުރިއަށް ގެންދެވޭ ގޮތް ވުމުން އަޅުގަނޑަށް ފެންނަ ގޮތުގައި ވަޒީފާގެ ފުރުސަތުތައް، އަންނާނީ. ސަރުކާރުން އެބަބަލާ ޓުވަރިޒަމްގެ ވިޔަފާރި ކުރިއަށް ގެންދަންވެގެން ކުރަން ހުރި ކަންތައްތައް ކުރުމަށް. އެންމެ ބޮޑު ކަމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެއާޕޯޓް އެއާޕޯޓް ތަރައްޤީ ކުރުން. އަޅުގަނޑަށް ފެންނަ ފެނުމުގައި އައްޑޫއަށް ދެމެހެއްޓެވި ގޮތަކަށް ޓުވަރިޒަމް ހިންގުމަށް އެއާޕޯޓާއި، އެމަސައްކަތާއި ވަރަށް ބޮޑަށް ގުޅުވާންޖެހޭ.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިހު މިއަހަރު މާރޗް މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި އެސިޓީގެ ރައްޔިތުންނާއިއެކު ބޭއްވި މާހެފުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ދެކުނުގެ ރައްޔިތުންނަށް މުހިންމު ތަނެއްކަމަށެވެ. އެހެންކަމުން އެ އެއަރޕޯޓް ތަރައްޤީކުރުމަށް އިސްކަން ދެއްވާކަމަށް ވިދާޅުވެ ރައީސް ވަނީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރާއެކު ކުރެއްވި މަޝްވަރާގެ ދަށުން ވަރަށް އަވަހަށް އެ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން އެއަރޕޯޓްގެ ދޫގަސް ހުރި ޢިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެތަނުގައި 100 އެނދުގެ ހޮޓަލެއް ހެދުމަށް ގަން އެއަރޕޯޓް ކުންފުންޏަށް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު އަންނަ އަހަރުގެ މެއި ޖޫން ހިސާބުގައި ނިމި ޚިދުމަތްދޭން ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.