މަޖިލީހަށް ހާޒިރުނުވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް

ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިއެވެ.

އެފަދަ އިސްލާހެއް ހުށަހަޅުއްވަން ނިންމެވީ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު ޖާބިރެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރުމަކީ ލަދުވެތިކަމެއް ކަމަށެވެ. އެހެންކަމުން ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެ ގޮތަށް ގޮނޑި ހުސްވާތާ 45 ދުވަހުގެތެރޭގައި އެކަން އިއުލާނުކުރަންޖެހޭ ގޮތަށް އިސްލާހުގައި ހިމަނުއްވާނެ ކަމަށެވެ.

Next: ޖާބިރުގެ އިންޒާރެއް ޔާމިނާއި އަދީބާއި މައުމޫނަށް: ގޮޅިއަށްލާފައި ނޫނީ ހުއްޓައިނުލާނަން