ބަރުލަމާނީ ބަހުސް ފިއްތުމަށް ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެ: ނަޝީދު

ޢިލްމީ ބަހުސާއި, ފަލްސާފާއާއި, ޚިޔާލަށް މި ޕާޓީން ފުރިހަމައަށް ޖާގަދޭން ޖެހޭނެކަމަށާއި, އެ ކަންކަން ހުއްޓުވުމަށް ޕާޓީގެ ގުނަވަނެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ނުވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ބަރުލަމާނީ ނިޒާމާ ބެހޭގޮތުން އެމްޑީޕީގެ ހަރުގޭގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ބަހުސް ހިނގާންޖެހޭނެ ކަމަށާއި, ޢިލްމީ ބަހުސަށް, އަދި ފަލްސާފާއަށް, އަދި ޚިޔާލަށް މި ޕާޓީ ފުރިހަމައަށް ޖާގަދޭން ޖެހޭނެ ކަމަށެވެ. އަދި އެ ފަލްސަފާއާއި އެ ޚިޔާލު ފިއްތުމަށްޓަކައި ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެކަމަށެވެ.

އެ ފަލްސަފާއާއި އެ ޚިޔާލު ފިއްތުމަށްޓަކައި ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެ

ނަޝީދު ވިދާޅުވިއެވެ.

މިއަދު އެބަ ފެނޭ ބަރުލަމާނީ ބަހުސް ފިއްތުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ރޫޙުން އަޅުގަނޑުމެން ދުރުވާތަން. ގޮފީގެ ރައީސުން ކަނޑައެޅުމުގައި ޕާޓީގެ ގަވާއިދު ބުނާ ގޮތާ ދުރަށް ޖެހިގެން ނުވާނެ. ކޮންގްރެސް އެކުލެވިގެންވާ ގޮތާއި ކޮންގްރެސްގައި ބައިވެރިވާންޖެހޭ މީހުންނަކީ މި ދެންނެވި ބަހުސަށް ޢިލްމީ ބަހުސަށް ގޮތެއް ނިންމަން ކޮންމެހެން ވެސް ސައްހަކަމާ އެކީގާ ކުރަންޖެހޭނެ ކަމެއް.

ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ( އޯގަސްޓް 19 ވަނަ ދުވަހު ) ފެށުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަށް ވަގު ގޮފިތަކެއް ހަދާފައިވާކަމަށް ޕާޓީގެތެރޭގައި ތުހުމަތު އުފެދިފައިވަނިކޮށެވެ.

އެ ތުހުމަތު ކުރައްވައި ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ސިޓީއެއް ވެސް ފޮނުއްވައިފައެވެ. އާޒިމްގެ ސިޓީގައި ވިދާޅުވެފައިވަނީ ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފިތަކުގެ ޤަވާއިދާއި އެއް ގޮތަށް އިންތިޚާބު ކުރެވިފައިވާ ފަރާތްތަކެއް ނޫންކަމަށެވެ. އަދި އެ ފަރާތްތައް ކޮންގްރެސްގައި ބައިވެރިވެއްޖެނަމަ ކޮންގްރެސްގެ ޤާާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Next: ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި